ރައީސް މައުމޫނު މަގާމުގެ ނުފޫޒު ބޭނުން ކުރިކަމުގެ ތުހުމަތުތައް ބަލައި ތަހުގީގު ކުރަން އަންގައިފި

ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދައުލަތުގެ އިސް ވެރިންނަށް ދައުލަތުގެ ބަޖެޓުން ދޫކުރި ހާއްސަ އިނާޔަތުގެ ލޯނުތަކުގެ ފައިސާގެ ދެއްކުމުގެ މުއްދަތު އެ މަނިކުފާނުގެ ވެރިކަން ނިމުމަށް ހަތަރު ދުވަހަށް ވެފައު ވަނިކޮށް އިތުރުކުރި މައްސަލަ ބެލުމަށް އޭސީސީއަށް ފޮނުވުމަށް އޮޑިޓާ ޖެނަރަލް އަންގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ރައީސް މައުމޫނުގެ ސަރުކާރުން ހާއްސަ އިނާޔަތުގެ ލޯނުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އެ މަނިކުފާނުގެ ވެރިކަން ބަދަލުވެ، ރައީސް ނަޝީދު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް އެ ލޯނުތައް ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އިތުރު ކުރެއްވި ކަމަށެވެ. އަދި އެމައްސަލަ އޭސީސީއަށް ފޮނުވުމަށް އަންގާފައިވަނީ އެއްވެސް ޕޮލިސީއެއް ނެތި ލޯނު ދެއްކުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުން ކޮށްގެން ކަމަށް ބެލެވޭތީ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2002 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫނުގެ ސަރުކާރު ނިމުމާއި ހަމައަށް، ސަރުކާރުގެ އިސް ވެރިންނަށް 154 ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ލޯނުތަކުގެ ތެރެއިން 75 ލޯނެއް ނުދައްކާއިރު އެ ލޯނުތަކުގެ ޖުމްލަ 28 މިލިޔަނަށްވުރެ އިތުރުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އަދި އެ ފައިސާ ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ މެނޭޖުމަންޓް ފެއިލް ވެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އެގޮތުން ގަވާއިދުން ލޯނު ނުދައްކާ ފަރާތްތަކުގެ މައްސަލަތައް އެފަދަ މައްސަލަތަކުގައި އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން ޝަރީއަތަށް ފޮނުވުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ