ބައިބައިވުމާއި ނުތަނަވަސްކަމާއި ދެކޮޅުވެރިކަމުގެ ހިތްތައް އެކުވެރިކުރުވި މިތުރެއްގެ ގޮތުގައި، މި ކުޑަކުޑަ ދިވެހިރާއްޖޭގައި ފާހަގަކުރެވޭ އެންމެ ބޮޑު ހަރަކާތަކީ ފުޓުބޯޅައެވެ. ސިޔާސީ ވާދަވެރިކަމާއެކު އުފެދިފައިވާ ނުތަނަވަސްކަމާއި، ހިތާމަވެރި އެތައް ހާދިސާއެއްގެ ހިތި ފިލުވާލަދިން ބައިވެރިއެއްގެ ގޮތުގައި ވެސް ފުޓުބޯޅަ ފާހަގަކުރެވިގެންދެއެވެ.
ކަން މިހެން އޮތުމާއެކު، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ވެފައި ވަނީ ދިވެހިންގެ ހިތުގައި ހާއްސަ ޖާގައެއް ހޯދާފައިވާ އެއްޗަކަށެވެ. ދިމާވި ކޮންމެ ހިތްދަތި ތަޖުރިބާއެއްގައި އާއި އުފާވެރި، ތާރީޚީ އެތައް ކާމިޔާބީއެއްގައި ވެސް ދިވެހި ޤައުމީ ޓީމާއެކު ދިވެހިން ތިއްބެވެ.
12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި، މި ފަސްގަނޑުގައި ދިވެހިން، ދިވެހި ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރުގެ ގޮތުގައި އަބަދުވެސް އޮވެއެވެ.
އަނެއްކާވެސް މިއޮތީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ފުރިހަމަ "ޕާފޯމަންސަކަށް" އެދި، މުޅި ޓީމު އެދެމުންދާ ދުވަހަކާ ޖެހިފައެވެ. އެއީ މި މަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި، މި ދީބުގައި، މި ބިމުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާތީއެވެ.
ކޮލިފައިންގައި މީގެކުރިން ރާއްޖެއިން ފަސް މެޗު ކުޅެފައިވާއިރު، އެ ފަސް މެޗުން ވެސް ރާއްޖެއަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅެފައި ވަނީ، ރާއްޖޭގެ ފުޓުބޯޅަ ދުށް އެންމެ ދަތި ދުވަސްވަރުގައެވެ. ލީގު ހުއްޓި، ކުރިއަށްދާނެ ގޮތެއް، މަގެއް ފެނިފައި ނެތް ދުވަސްވަރެއްގައެވެ. ނަތީޖާއަށް އަސަރުކުރުވާނެ އެތައް ހާލަތަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮއްވައެވެ. އެ ހާލަތުގައި ވެސް ޤައުމު ތަމްސީލުކޮށް، ޤައުމަށް ޝަރަފާއި ފަހުރު ހޯދައިދޭން ޤައުމީ ޓީމުގެ ކުޅުންތެރިން ކޮށްފައި ވަނީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތެކެވެ.
އޭރުގެ ހާލަތު ބަދަލުކޮށް، ދިވެހި ލީގު އަލުން ފަށައި، ކާމިޔާބުކަމާއެކު ފުޓުބޯޅަ ސީޒަނެއް ނިންމާލުމާ ދިމާލަށް ރާއްޖެއިން ދާއިރު، ޤައުމީ ޓީމަށް މިއޮތީ މާޒީގައި ދިވެހިންގެ ހިތުގައި ޖެހުނު ލަކުނާއި، އެޅި ވޭނާއި ރިހުމަށް ތަސައްލީއެއް ހޯދައިދޭން ރަނުގެ ފުރުސަތެއް ލިބިފައެވެ.
ދިވެހިންގެ ހިތުގައި، އެއްވެސް އުނިކަމެއް، ކިލަނބުކަމެއް ނެތި ފުރިހަމަ އިހްތިރާމާއި ގަދަރު ދެވިފައިވާ މަދު ޝަހްސިއްޔަތުތަކުގެ ތެރެއިން ހަމަ ގައިމުވެސް އެންމެ މަތިން ދަރަޖަކުރެވޭނެ އެއް ނަމަކަށް، ދިވެހި ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ގެ ނަން ވާނެއެވެ.
ޤައުމީ ޓީމުން މީގެ އަހަރުތަކެއް ކުރިން ކުޅޭ ކޮންމެ މެޗެއްގައި، ދަގަނޑޭގެ ފައިގައި ބޯޅަ ޖެހުމާއެކު، ދަނޑުގަ އާއި ގޭ ސިޓިންރޫމުގައި ތިބެ މެޗު ބަލާ ފަރާތްތަކުގެ ވެސް ހަޅޭކުގެ އަޑު ގަދަވެ، ލަނޑެއް ޖަހަން އުޅޭކަމުގެ އިހުސާސްތައް ގެނުވަނީ އޭނާއަށް ކުރެވޭ އިތުބާރާއި އޮތް ޔަގީންކަމެއްގެ ސަބަބުންނެވެ.
ސަރަހައްދީ ޤައުމުތަކުން ވެސް އެންމެ ޖެހިލުންވާ، ސާފް ސަރަހައްދުގެ ފުޓުބޯޅައިގެ ރަސްގެފާނެއްގެ ގޮތުގައި ހިމެނޭ އަޝްފާގުގެ ނަން ވެސް، މި މެޗަށް އެކުލަވާލި ސްކޮޑުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން، ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލާފައިވާ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނާފައިވާ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި، ކުރިން ގައުމީ ޓީމަށް ކުޅުނު، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އަމްދާން އަލީ (އޭންޑީ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ އަހުމަދު އައިހަމް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ އިބްރާހިމް ވަހީދު (އިއްބެ) ހިމެނެއެވެ. މީގެ އިތުރުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު އާއި އަލީ ސާމިސް (ތޮއްޕެ) ހިމެނެއެވެ.
ދަތި އުނދަގުލާއި ޓީމު އެކުލަވާލާނެ އަދި ކުޅުންތެރިންގެ ފިޓްނަސް ދަމަހައްޓާނެ މާ ދިގު މުއްދަތެއް އަދި ފުރުސަތެއް ނެތި ކުޅުނު މި ފަސް މެޗުން ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، 31 ވަނަ ދުވަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާ މެދު ރާއްޖެއަށް އުއްމީދު ބޮޑެވެ.
ރޭންކިންއަށް ބަލާއިރު ވެސް އެ ޓީމަކީ ރާއްޖެއަށްވުރެ އެތައް ދަރަޖައެއް ފަހަތުން ރޭންކު ކުރެވިފައިވާ ގައުމެކެވެ. ހުނަރުގެ ގޮތުން ބަލާއިރު ވެސް، މިހާރު ރާއްޖޭގައި އޮތް ސްކޮޑަށް އޭގެ ފައިދާ ކުރާނެކަމުގެ އުއްމީދު ބޮޑެވެ.
ފީފާ ރޭންކިންއަށް ބަލާއިރު ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގައެވެ. ރާއްޖެއަށް ރޭންކިންގައި 173 ވަނަ ލިބޭއިރު، އަމިއްލަ ގައުމުގައި ކުޅެ ޓިމޯ ލެސްޓޭއަށް ރާއްޖެ އަތުން ހޯދުނު ހަނި މޮޅާއެކު އެ ޓީމުން އޮތީ ހިތްހަމަޖެހިގެންނެވެ.
އެހެންނަމަވެސް މާލޭގައި ކުޅެންޖެހޭ އަވޭ މެޗަށް، އެ ޓީމުން ވެސް ވަނީ ވަރުގަދަ ފަރިތަކުރުންތަކެއް ފަށާފައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓިމޯ ލެސްޓޭއިން ފަރިތަކުރުންތައް ފަށާފައިވަނީ 37 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ.
ޕޯޗުގަލް ފުޓުބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންދާ ޓީމޯ ލެސްޓޭއިން ބުނެފައި ވަނީ، 37 ކުޅުންތެރިންގެ ސްކޮޑެއް ކޯޗު އެކުލަވާލާފައި ވަނީ، ވީހާވެސް ގިނަ ކުޅުންތެރިންތަކެއްގެ ފެންވަރާއި ހުނަރު ބެލުމަށްފަހުގައި، އެންމެ ރަނގަޅު، އެންމެ ވަރުގަދަ ސްކޮޑު ނެގުމުގެ މަގުސަދުގައި ކަމަށެވެ.
މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު ރާއްޖެއަށް އޮތީ ގެއްލިފައެވެ. އެހެންނަމަވެސް މި މެޗަކީ ހަމައެކަނި މި މުބާރާތާ ގުޅުންހުރި މެޗެއް ނޫނެވެ.
މިއީ ހީލަތްތެރި ރޭވުމެއްގެ ދަށުން ބަޔަކު ދިވެހި ފުޓުބޯޅަ ވައްޓާލި އަޑިގަނޑުން ނަގައި، އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ޞަފްޙާއަކަށްވާނެ މެޗެކެވެ.
ދިވެހި ލީގު ކާމިޔާބުކަމާއެކު ނިންމާލުމުން ކުރާނެ ފައިދާ އެނގިގެންދާނެ މެޗެކެވެ. ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން، ބުރަ ފަރިތަކުރުންތަކެއް ކުރުމުގެ ނަތީޖާ ހާމަވާނެ މެޗެކެވެ.
ދިވެހިންގެ ފަޚުރެއްގެ ގޮތުގައި ނިސްބަތްކުރެވޭ އަލީ އަޝްފާޤް (ދަގަނޑޭ) އަކީ، އަދިވެސް ފުޓުބޯޅައިގެ ވަރުގަދަ ނަމެއްކަން އަންގައިދޭނެ ބޮޑު ޗެލެންޖެކެވެ.
ކޮލިފައި ނުވިޔަސް ޓިމޯ ލެސްޓޭ މެޗު މުހިންމު ވަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ