ސެންޓު ޖެހުމުން ތައިރޮއިޑަށް އަސަރުކުރޭތަ؟
ގިނަ ދުވަސްތަކެއް ވަންދެން މީހުން ކަރުދަށަށް ސެންޓު ޖަހަމުން އައީ އޭގެ ވަސް ގިނައިރު ހުންނާނެ ކަމަށް ގަބޫލުކޮށްގެންނެވެ. އެހެންނަމަވެސް، ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ކަރަށް ސެންޓު ޖެހުމުން އެތަނުގައި ހުންނަ ތައިރޮއިޑް ގްލޭންޑަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ކަމުގެ ސިއްހީ މާހިރުން ވިދާޅުވަނީ ތައިރޮއިޑަށް ގެއްލުންވާ ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ނަމަވެސް ސެންޓު ޖެހުމުގައި ސަމާލުކަންދިނުން މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. ކެއާ ހޮސްޕިޓަލްސްގެ ސީނިއާ އެންޑޯކްރިނޮލޮޖިސްޓް ޑރ. ސްރީނިވާސް ކަންޑޫލާ މިކަމާ ގުޅޭގޮތުން ވިދާޅުވި ގޮތުގައި، ކަރަށް ސެންޓު ޖެހުމުން ތައިރޮއިޑަށް އަސަރުކުރާނެ ކަމަށް ބުނާ ބުނުމަކީ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ވާހަކައެެއް ކަމަށެވެ. "މިއީ ތައިރޮއިޑް ގްލޭންޑް ހުންނަ ތަނާ މެދު އުފެދިފައިވާ ކުށްހީއެއް. ތައިރޮއިޑް ހުންނަނީ ހަމުގެ ދަށުން، މަސްތަކާއި ޓިޝޫތަކުގެ ވަރަށް އެތެރޭގައި. ސެންޓުގައި ހުންނަ މާއްދާތަކަކީ ހަމުގެ ތެރެއިން ގޮސް އެހާ ފުންމިނުގައި ހުންނަ ގުނަވަނަކަށް އަސަރުކުރާނެ ފަދަ ވަރުގަދަ މާއްދާތަކެއް ނޫން،" ޑރ. ސްރީނިވާސް ވިދާޅުވެފައިވެއެވެ. ހަންގަނޑު ނާޒުކު މީހުންނާއި، އެކްޒީމާ ފަދަ ހަމުގެ މައްސަލަތައް ހުންނަ މީހުން ގައިގެ ހަމަށް ސެންޓު ޖެހުމުގެ ބަދަލުގައި ހެދުމަށް ސެންޓު ޖެހުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޑރ. ސްރީނިވާސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، 'އެންޑޯކްރިން ޑިސްރަޕްޓާސް' ނުވަތަ ހޯމޯންތަކަށް ބަދަލު ގެންނަ މާއްދާތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އާންމުކޮށް ލެބޯޓްރީތަކުގައި ޖަނަވާރުން ބޭނުންކޮށްގެން ނުވަތަ ވަރަށް މަތީ މިންވަރަކަށް އެ މާއްދާތައް ބޭނުންކޮށްގެން ކުރާ ތަހުލީލުތަކަށް ބިނާކޮށް ދެކެވޭ ވާހަކަތަކެކެވެ. އާންމުކޮށް ބޭނުންކުރާ ސެންޓުގެ ސަބަބުން އިންސާނުންގެ ހޯމޯންތަކަށް ބަދަލު އަންނަކަމެއް އަދި އެއްވެސް ސައިންޓިފިކް ދިރާސާއަކުން ސާބިތުވެފައެއް ނެތް ކަމަށް ޑރ. ސްރީނިވާސް މި މައުޟޫއާ ގުޅޭގޮތުން ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް، ތައިރޮއިޑަށް ނުރައްކަލެއް ނެތް ނަމަވެސް، ކަރުގެ ހަންގަނޑަށް މީގެ އަސަރު ކޮށްފާނެ ކަމަށް އެޕޯލޯ ހޮސްޕިޓަލްސްގެ ޑާމަޓޮލޮޖިސްޓް ޑރ. ސްވަޕްނާ ކުންދުރޫ ވަނީ ވިދާޅުވެފައެވެ. ޑރ. ސްވަޕްނާ ވިދާޅުވެފައިވާ ގޮތުގައި، ކޮންމެ ދުވަހަކު ކަރުގައި ސެންޓު ޖެހުމުން ހަންގަނޑަށް ގެއްލުންވެދާނެއެވެ. ސެންޓުގައި ހުންނަ އަލްކަހޯލާއި އެކި ކެމިކަލްތަކުގެ ސަބަބުން ހަންގަނޑު ހިކި، ހިރުވައި، ރަތްވެ، ނުވަތަ ބައެއް މީހުންގެ ހަންގަނޑު ކަޅުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ހާއްސަކޮށް ކަރުގެ ހަންގަނޑަކީ ތުނި އަދި ނާޒުކު ތަނަކަށް ވުމުން، ސެންޓު ޖެހުމަށްފަހު އަވީގައި އުޅުމުން މި މައްސަލަތައް އިތުރަށް ގޯސްވާ ކަމަށް ޑރ. ސްވަޕްނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހަންގަނޑު ނާޒުކު މީހުންނާއި، އެކްޒީމާ ފަދަ ހަމުގެ މައްސަލަތައް ހުންނަ މީހުން ސެންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ޑރ. ސްވަޕްނާ ލަފާދެއްވައެވެ. "އެންމެ ރަނގަޅު ގޮތަކީ ސީދާ ހަމުގައި ސެންޓު ޖެހުމުގެ ބަދަލުގައި ހެދުމުގައި ޖެހުން. އަދި ހަންގަނޑު ރައްކާތެރިކުރުމަށްޓަކައި ގަވާއިދުން މޮއިސްޗަރައިޒާ ބޭނުންކުރުމާއި، އާ ސެންޓެއް ބޭނުންކުރަން ފެށުމުގެ ކުރިން ހަމުގެ ކުޑަ ތަންކޮޅެއްގައި ޓެސްޓުކޮށްލުން މުހިންމު" ޑރ. ސްވަޕްނާ ވިދާޅުވެފައިވެއެވެ. ޚުލާސާކޮށް ބުނާނަމަ، ކަރުގައި ސެންޓު ޖެހުމުން ތައިރޮއިޑަށް އަސަރުކުރާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް، ގައިގެ ހަންގަނޑު ރައްކާތެރި ކުރުމަށްޓަކައި ސެންޓު ބޭނުންކުރުމުގައި ބުއްދިވެރި ގޮތްތައް އިޚްތިޔާރުކުރުން މުހިންމު ކަމަށް ކަމުގެ ސިއްހީ މާހިރުން މިވަނީ އިރުޝާދު ދެއްވާފައެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ކޮންމެ ވާހަކައަކަށް އިތުބާރު ކުރުމުގެ ބަދަލުގައި، ސައިންޓިފިކް ހަގީގަތްތަކަށް ބެލުމުގެ އިތުރުން ސިއްހީ މާހިރުންގެ ބަހެއް ހޯދުމަށްފަހު އެގޮތަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ