ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލީހުގެ ސުޕަ މެޖޯރަޓީ ވަކި ބަޔަކަށް ލިބުމުގެ ފުރުސަތު ކުޑަވެ، މަޖިލީހުގައި ހުރިހާ ޕާޓީތައް ހަމަހަަމަކަމާ އެކު ތަމްސީލުކުރަން ލިބޭ ފުރުސަތު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަންގް ޓީވީއިން އިންތިޒާމް ކުރި "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިހާރު މަޖިލިސް އިންތިހާބު ކުރާ ގޮތަށް ބަލާއިރު، މަޖިލީހުގެ ގޮނޑިތައް ބެހެނީ 40 އާއި 50އާ ދެމެދު ނުވަތަ 40 އާއި 60އާ ދެމެދު، މައި ދެ ސިޔާސީ ޕާޓީގެ މެދުގައި ކަމަށެވެ. ނަމަވެސް ދެ އިންތިހާބު އެއް ދުވަަހެއްގައި ބޭއްވުމުން، މަޖިލީހުގެ ގޮނޑިތައް ހުރިހާ ޕާޓީތަކުގެ މެދުގައި ހަމަހަމަކަމާ އެކު ބެހިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެއްވެސް ޕާޓީއަކަށް %75 ނުވަތަ %80 ހޯދުމަށް ފުރުސަތު ވަރަށް ކުޑަވެގެންދާނެއޭ އެއް ދުވަހެއްގައި އިންތިހާބު ބޭއްވުނީމަ. އެއީ ކީއްވެގެން؟ އިންސާފުވެރިކަމާ އެކު، އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވި ހަމަހަމަކަމާ އެކު ކުރިމަތިލެވޭނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަންކުރާ ޕާޓީން ކުރިމަތިލާއިރު ވެސް، ހޮވޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނޯންނާނެ ކަމަށާއި، ސަރުކާރުގައި ތިބެގެން ނުފޫޒު ފޯރުވުމަށް ލިބޭ ފުރުސަތު މި ބަދަލާއެކު ގެއްލިގެންދާނެ ކަމަށެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގައި ސަރުކާރުގެ އަމިއްލަ އެއްވެސް އެދުމެއް ނެތްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އޮތް ގޮތަށް ބާއްވައިގެން 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާ ހާލަތުގައި ވެސް މަޖިލީހުގެ މެޖޯރަޓީ އޮންނާނީ ސަރުކާރަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ އެ ހުރިހާ ސިޔާސީ ބާރެއް ދޫކޮށްލައި، އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ގައުމަށް އެންމެ ރަނގަޅު ބަދަލު ގެންނަން ކަމަށް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސުޕަ މެޖޯރަޓީ ލިބުން ކުޑަވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ