ހުރްމޫޒް ކަނޑުއޮޅިން ޕާކިސްތާނުގެ 20 ބޯޓަކަށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފި
ޕާކިސްތާނުގެ 20 ބޯޓަކަށް ހުރްމޫޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފިއެވެ. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު ފެށުނު ހަނގުރާމައާ ގުޅިގެން ބަންދުވެފައިވާ މި ކަނޑުއޮޅިން ދަތުރުކުރުމަށް ލިބުނު ބޮޑު ލުޔެކެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދުވާލަކު އެ ގައުމުގެ ދެ ބޯޓަށް ކަނޑުއޮޅި ހުރަސްކުރެވޭނެ ކަމަށެވެ. އަދި މިއީ ސުލްޙައަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މި ޕޯސްޓުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޓެގްކުރައްވާފައިވެއެވެ. މިއީ މި އެއްބަސްވުމަކީ ހަމައެކަނި ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭ ސިޔާސީ މަސައްކަތެއްކަން އަންގައިދޭ ކަމެކެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ޙަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 2،000 އަށްވުރެ ގިނަ އީރާނު މީހުންނާއި ލުބުނާނުގެ 1،100 މީހުން ވަނީ މަރުވެފައެވެ. މިއާއެކު ހުރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު 90 އިންސައްތަ ދަށަށް ގޮސް، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މިހާރު މި ކަނޑުއޮޅި ކޮންޓްރޯލްކުރަމުންދަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން (އައިއާރްޖީސީ) އިންނެވެ. ރިޕޯޓުތައް ބުނާގޮތުން، ކަނޑުއޮޅި ހުރަސްކުރާ ކޮންމެ ބޯޓަކުން ޗައިނާ ފައިސާއިން ދެ މިލިއަން ޑޮލަރުގެ ފީއެއް ނަގައެވެ. އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ދަނީ މިއީ ރަސްމީ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. މެލޭޝިއާގެ ބޯޓުތަކަށްވެސް ދަތުރުކުރުމުގެ ހުއްދަ ދީފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ މި ފަހުން ހާމަކުރައްވާފައެވެ. ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ވެރިޔާ އެންގޯޒީ އޮކޮންޖޯ-އިވިއާލާ ވިދާޅުވީ، މިއީ ފާއިތުވި 80 އަހަރުގެ ތެރޭގައި ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވި އެންމެ ބޮޑު ހުރަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ