48 މަގާމަށް ކުރިމަތިލާން 4 ދުވަސް ދިނީ އަވަހަށް މުވައްޒަފުން ބޭނުން ވާތީ: ކަސްޓަމްސް

ކަސްޓަމްސްގެ 48 ވަޒީފާއަށް ކުރިމަތިލާން އެންމެ ހަތަރު ދުވަހުގެ މުއްދަތެއް ދީ އިއްޔެ އިއުލާން ކުރީ, އަވަހަށް މުވައްޒަފުން ބޭނުންވާތީ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް އިންތިޚާބު އޮތްއިރު ކަސްޓަމްސްއިން އިއްޔެ ވަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 ވަޒީފާއަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފައެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ބުދަ ދުވަހަށް ހަމަވެއެވެ. https://www.sun.mv/219788 އެހާ ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލުމަށް މިހާ ކުރު މުއްދަތެއް ދިން ސަބަބު ސާފުކުރަން ކަސްޓަމްސްއަށް ގުޅުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެއާ ކާގޯގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމާއި މާފަރާއި ހަނިމާދޫ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާ ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޭނުން ވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން ދުވަސް ކޮޅެއްވެއްޖެ މަސައްކަތް ކުރާތާ އިއުލާން ކުރަން. ހުރިހާ އެރޭންޖުމެންޓެއް ހަމަ ޖެހުނުހާ އަވަހަކަށް އެ ވަނީ އިއުލާން ކޮށްފައި," އޮފިޝަލް ވިދާޅުވިއެވެ. މިއީ މިހާ ގިނަ މަގާމުތަކަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ޖެހޭނީ, ހިއުމަން ރިސޯސް ޑިޕާޓްމަންޓްއިން ސާފު ކޮށްލަން ކަމަށެވެ. މި ކުރު މުއްދަތުގެ ތެރޭގައި ކުރިމަތިލާ މުވައްޒަފުން ކިހާ އަވަހަކަށް ވަޒީފާތަކަށް ނަގާނެތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ކަސްޓަމްސް އުސޫލު އޮންނަ ގޮތުން ޝޯޓްލިސްޓްވާ މީހުން އިމްތިހާނެއްގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ޕިޒިކަލް ޓެސްޓެއް ވެސް ދެއެވެ. އިންޓަވިއޫއާ ހަމައަށް ދާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. "ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ޕްރޮސެސް ކުރިއަށް ދާނެ," އޮފިޝަލް ވިދާޅުވިއެވެ. https://www.sun.mv/219795 މިއީ އިންތިޚާބާ ގުޅިގެން ދޭ ވަޒީފާތަކެއް ކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާ ކުރުމާ ގުޅިގެން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ކަމަށާއި މިފަހަރު ވެސް ނަގަނީ ޚިދުމަތް ފުޅާ ކުރާތީ އެކަމަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް އަންނަނީ މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންނެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީއަށް އެކަނި 1000 އެއްހާ މުވައްޒަފުން ނަގަން ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން ވެސް އެހެން ކުންފުނިތަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ނަގަމުންނެވެ. މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް, އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ