ބީއެމްއެލްއިން ހިއްސާއެއްގެ ފައިދާއަކަށް 60ރ. އާއި ބޯނަސް 2 ހިއްސާ ދޭން ފާސްކޮށްފި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު މާލީ ކުރިއެރުމާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60ރ. ބެހުމަށާއި އިތުރު ދެ ހިއްސާ ދޭން އެ ބޭންކުން ރޭ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ރޭ ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ތަފްސީލް - މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދޭން ވެސް ފާސްކުރި އެވެ. އެގޮތުން:
ބޯނަސް ހިއްސާ ދޫކުރުމަށް ފަހު، 50ރ.ގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއުއަކަށް ވާނީ 1015.90ރ.
މި އަހަރު ކޮންމެ ހިއްސާއަކަށް ދިނީ ޖުމްލަ 2091.80ރ.ގެ ނަފާއެއް
ބުނީ ކީކޭ؟ - "މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާ އެކު، ހިއްސާދާރުންނަށް ރެކޯޑް އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ. މިއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓުތަކުގެ ޒަރީއާއިން ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން."
އެނގުން މުހިންމު - ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ.
މީގެ އިތުރުން، ބީއެމްއެލް އިން ބުނީ:
ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައި؛ މިއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު
މިދިޔަ އަހަރު 30,000އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލްއާ ގުޅި، ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ %16 އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ