މޮރޮކޯއަށް ދޭން ނިންމާފައިވާ އެފްރިކާގެ ތަށި ސެނެގޯލުން ޕެރިހުގައި ދައްކާލައިފި

ޖެނުއަރީ މަހު މޮރޮކޯއާ ދެކޮޅަށް ކުޅުނު އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލް ކާމިޔާބުކުރި ސެނެގޯލްގެ އަތުން މުބާރާތުގެ ތަށި އަތުލާފައިވަނިކޮށް، އެ ޓީމުން ވަނީ ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި ޕެރޫއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން ތަށި ދައްކާލައިފިއެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ކުރިން އޮތް ޚާއްޞަ ހަރަކާތްތަކުގައި ސެނެގޯލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޫސޫ އެންޑޫރްގެ ހުށަހެޅުންތަކެއް ކުރިއަށް ގެންދިޔައެވެ. އޭގެފަހުން ސެނެގޯލްގެ ކެޕްޓަން ކާލިދޫ ކޫލިބާލީ އާއި އޭނާގެ ޓީމުގެ ކުޅުންތެރިން ވަނީ ދަނޑުވަށައި އެފްކޮން ތައްޓާއެކު ހިނގާފައެވެ. ކޫލިބާލީ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ސްޓޭޑިއަމްގެ ރިޔާސީ ބޮކްސްއަށް ގޮސް، ސެނެގޯލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަބްދުލާޔޭ ފޯލް އާއި އެހެނިހެން އިސް ބޭފުޅުންގެ ކުރިމަތީގައި ތަށި ބަހައްޓާފައެވެ. މިކަން ހިނގާފައިވަނީ، ޖެނުއަރީ މަހުގެ ފައިނަލް މެޗުގައި ސެނެގޯލްގެ ކުޅުންތެރިން ދަނޑުން ފޭބުމާ ގުޅިގެން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން އެ މެޗުގެ ނަތީޖާ ބާތިލުކޮށް، މޮރޮކޯއަށް 3-0 ގެ މޮޅެއް ދިނުމަށް ނިންމި ނިންމުމަކީ ނިހާއީ ނިންމުމެއް ކަމަށް މޮރޮކޯއިން ބުނެފައިވަނިކޮށެވެ. މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން ސެނެގޯލްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބާފައެވެ. ނަމަވެސް 14 މިނެޓުގެ މެދުކެނޑުމަކަށްފަހު އެނބުރި ދަނޑަށް އަރައި ކުޅުން ކުރިއަށް ގެންދިޔައިރު، މޮރޮކޯއަށް އެ ޕެނަލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗުގެ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ތެރޭގައި ޕާޕް ގޭ ޖެހި ގޯލުންނެވެ. އެހެންނަމަވެސް މޮރޮކޯއިން ވަގުތުން މައްސަލަ ހުށަހެޅުމުން، ކެފްގެ އެޕީލްސް ޕެނަލުން ފަހުން ވަނީ މޮރޮކޯއަށް މުބާރާތުގެ ޗެމްޕިއަންކަން ދީފައެވެ. ސެނެގޯލުން ބުނެފައިވަނީ ކެފްގެ މި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާނެ ކަމަށެވެ. އަދި ސެނެގޯލްގެ ސަރުކާރުން ވަނީ ކެފްގެ ނިންމުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް، މި މައްސަލައިގެ މިނިވަން ބައިނަލްއަޤްވާމީ ތަޙްޤީޤެއް ކުރުމަށް ގޮވާލާފައެވެ. މައްސަލަ ނިމުމަށް އަހަރެއްހާ ދުވަސް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ހޮނިހިރު ދުވަހުގެ މެޗަށް 70000 މީހުން ވަންނާނެކަމަށް ލަފާކުރެވުނުއިރު، މެޗުގެ ކުރިން ސެނެގޯލްގެ ގާތްގަނޑަކަށް 200 ސަޕޯޓަރުން ވަނީ ސެއިންޓް-ޑެނިސްގެ ބެސިލިކާ ކައިރިއަށް އެއްވެ، ސަގާފީ ބެރުގެ އަޑާއެކު ސްޓޭޑް ޑި ފްރާންސްއަށް ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުމުގައި ސެއިންޓް-ޑެނިސްގެ އައު މޭޔަރު ބާލީ ބަގަޔޯކޯ ބައިވެރިވެވަޑައިގެން، ސެނެގޯލްގެ ރައްޔިތުންނަކީ ފަޚުރެއްކަމަށާއި މުޅި އެފްރިކާ އޮތީ ސެނެގޯލާއެކު ކަމަށް ވިދާޅުވިއެވެ. ޕެރޫއާ ދެކޮޅަށް ކުޅުނު މި މެޗަކީ އެފްކޮން ފައިނަލަށްފަހު ސެނެގޯލުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަށް ނެރުނު ސްކޮޑަކީ އެފްކޮންގައި ކުޅުނު ޓީމާ ވަރަށް އެއްގޮތް ސްކޮޑެކެވެ. ސެނެގޯލުން މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ. ވޯލްޑް ކަޕްގައި ސެނެގޯލް ހިމެނެނީ ފްރާންސް، ނޯވޭ އަދި ބޮލީވިއާ ނުވަތަ އިރާޤާއެކު އެއް ގްރޫޕެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ