މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ވެސް ނައިޓްމާކެޓު ކެންސަލްކޮށްފި

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މިރޭ ވެސް ނައިޓްމާކެޓު ނުބާއްވާނެ ކަމަށް ނައިޓްމާކެޓު އިންތިޒާމު ކުރާ ގޯމިޑީއާއިން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ގޯ މީޑިއާގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އާމިރު ވިދާޅުވީ މޫސުން ތަން ނުދޭތީ މިރޭވެސް ނައިޓް މާކެޓް ނޯންނާނެ ކަމަށެވެ. ނަމަވެސް މާދަމާ ރެއިން ފެށިގެން ނައިޓްމާކެޓު ކުރިއަށް ގެންދާނެ ކަމަށް އާމިރު ވިދާޅުވިއެވެ.
"ނައިޓް މާކެޓު މިއަދުވެސް ބަންދު. ވައި ގަދަ ވާތީ. މިއަދު މިތާ މެދުގަ ހުރި ވަތަނިއްޔާ ބިލް ބޯޑެއްވެސް ހަމަ ބުޑުން ލުހެލާފަ ހުރީ. އެހެން ވީމަ މިރޭވެސް ނައިޓް މާކެޓު ނޯންނާނެ. ނަމަވެސް އާދިއްތައިން ފެށިގެން އޮންނާނެ،" އާމިރު ވިދާޅުވިއެވެ.
ނައިޓް މާކެޓުގެ ފުރަތަމަ ތިން ރޭގެ ތެރެއިން ދެވަނަ ދުވަހާއި ތިން ވަނަ ދުވަހު ވައިގަދަ ވުމުގެ ސަބަބުން މެދުކަނޑާލާފައިވާތީ އިތުރު ދެދުވަހަށް އެމާކެޓު ކުރިއަށް ގެންދާނެ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
720 މޭޒާއެކު ކުރިއަށް ގެންދާ ނައިޓްމާކެޓަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ނައިޓުމާކެޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ