އިގްތިސޯދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވެވެން އޮތީ އުމްރާނީ ތަރައްގީ ގެނެސްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. 
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަރިހަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެގްޒެކެޓިވް ޑިރެކްޓަ މުހައްމަދު ސާމީ ސައީދު މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މުހައްމަދު ސާމީ އަކީ އޭޑީބީގެ ބޯޑުގައި ރާއްޖެ ތަމްސީލުކުރައްވާ މެންބަރެވެ. 
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލު ވެވެނީ އުމްރާނީ ތަރައްގީ ގެނެސްގެން ކަމުގައި ވިދާޅުވި އެވެ. މިގޮތުން ސަރުކާރުން ރާވާފައިވާ ތަރައްގީގެ އެކިއެކި މަޝްރޫއު ތަކާ ބެހޭ މައުލޫމާތު އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރާ ރައީސް ޔާމީން ހިއްސާ ކުރެއްވި އެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވަމުން ތަރައްގީގެ ރޮނގުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާތަކާ ބެހޭ ގޮތުން ވެސް ރައީސް ވަނީ މައުލޫމާތު ދެއްވާފަ އެވެ. 
މިބައްދަލުވުމުގައި މުހައްމަދު ސާމީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސޯދީ އަދި އުމްރާނީ ތަރައްގީއަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތު އޭޑީބީއާ ހިއްސާ ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަށް ތަރައްގީ އެންމެ ބޭނުންތެރި ދާއިރާތަކުން، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އޭޑީބީގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް އަށް ދެއްވި އެވެ. މީގެ އިތުރުން އޭޑީބީގެ ފަރާތުން ރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ބައެއް މަޝްރޫއުތަކާ ބެހޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.
    
    އިގްތިސޯދީ ބަދަލުގެ އަމާޒަށް ވާސިލްވެވޭނީ އުމްރަނީ ތަރައްގީ ގެނެސްގެން: ރައީސް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ