ވޯލްޑްކަޕް ވޯލްޑްކަޕް މިސްރާއެކު ސަލާހް ގަދަ 16 އަށް، ތާރީހީ ކާމިޔާބެއް

ވޯލްޑް ކަޕް 2026 ގައި މިސްރާއެކު މުހައްމަދު ސަލާހް ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އޮސްޓްރޭލިއާ އަތުން މިސްރު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި މިސްރަށް ނޮކްއައުޓް ބުރުގެ މެޗެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މިސްރުން ވަނީ ލިބުނު ފުރަތަމަ ހުސް ފުރުސަތުން ގޯލު ޖަހައިފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކަރީމް ހަފީޒް ދިން ބޯޅައަކުން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިމާމް އާޝޫރް އެވެ.
ގޯލަށްފަހު މިސްރުން ބޮޑަށް މަސައްކަތްކުރަމުންދިޔައީ ޑިފެންސުން އޮސްޓްރިއާގެ ފުރުސަތުތައް ހުއްޓުވުމަށެވެ. އެހެންކަމުން އޮސްޓްރޭލިއާގެ ނެސްޓޮރީ އިރަންކުންޑާ ފަދަ ފޯވަޑުންނަށް އެ ކުޅުންތެރިންގެ ނުރައްކާ ކުޅުން ދެއްކިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތަނާ މިސްރަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ. އުމަރް މާމޫޝަށް ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ ދިހަ މިނެޓުފަހުން މިސްރު އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ ހަމަހަމަވެގެންދިޔައެވެ. އެ ގޯލަކީ ހިލޭ ޖެހުމެއްގެ ތެރެއިން މިސްރުގެ ޑިފެންޑަރު މުހައްމަދު ހަނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ބާކީބައިގައި ދެ ޓީމުން ވެސް ފަހަތަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރުވެސް، 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ކަނޑައެޅުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ.
މެޗުގައި އޮސްޓްރޭލިއާ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ކާމިޔާބުވެފައެވެ. އެއީ ހެރީ ސޫޓާ އަދި ލޫކަސް ހެރިންގްޓަންގެ ޕެނަލްޓީއެވެ. އެޓީމުން ކާމިޔާބުވީ ޖެކްސަން އާވައިން އާއި އަބީރް މާބިލްގެ ޕެނަލްޓީއެވެ. މިސްރުގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު ސަލާހާއި މަހްމޫދު ސަބީރާއި ރަމީ ރާބިއާ އަދި ހުސާމް އަބްދުލްމާޖިދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ