ކީޕަރު ބަދަލުކުރި ޕްލޭން ފުނޑުފުނޑު؛ އޮސްޓްރޭލިއާ ކަޓުވާލުމަށްފަހު މިސްރު ދެމިގެންފި

ޕެނަލްޓީޝޫޓްއައުޓްގައި އޮސްޓްރޭލިއާގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް މިސްރުން ދަތުރު ކޮށްފި އެވެ.
އެމެރިކާގެ ޓެކްސަަސްގައި އޭޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅުނުމެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
މެޗުގެ ކުރީކޮޅު މިސްރުން ވަނީ ލީޑު ނަގާފަ އެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ކަރީމް ހާފިޒް ތަނަވަސްކޮށްދިން ފުރުސަތަކުން މިސްރުގެ މިޑްފީލްޑަރު އިމާމް އަޝޫރު ވަނީ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް  ލީޑް ހޯދައިދީފަ އެވެ.
ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި އޮސްޓްރޭލިއާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލަކީ މިސްރުގެ މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއާ އެކު ހާނީ ވެގެންގޮސްފައިވަނީ އެއް ވޯލްޑް ކަޕެއްގައި ބައިކޮޅަށް ދެ ގޯލު އެއް ކުޅުންތެރިޔެއްގެ އަތުން ވަން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިސްރުގެ ސުޕަސްޓާ މުހައްމަދު ސަލާހު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި މެޗަށް ފިޓް ނުވެދާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް އޭނާ ވަނީ އެ އަނިޔާއިން ސަލާމަތްވެ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުފަ އެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގެ ފަހަތަށް ނުރައްކާކޮށްފަ އެވެ. ނަމަވެސް އެ ޓީމުގެ ޑިފެންޑަރުން ދިޔައީ ސަލާހް ވަރަށް ގާތުން ބަލަހައްޓަމުންނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރޭލިއާގެ ކީޕަރު ޕެޓްރިކް ބީޗް ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި މިސްރުގެ ރާމީ ރާބިއާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކުރުން ހިމެނެ އެވެ.
މެޗުގެ އާންމު ވަގުތު ހަމަވި ފަހުން ވެސް ނަތީޖާ ހަމަހަމަވެފައި ވުމުން، ދެން ކުޅުނު ދެ ހާފުގައި ވެސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ. އެ ދެ ހާފުގައި މިސްރުން، އޮސްޓްރޭލިއާގެ ފަހަތަށް ގިނަ ވަގުތު ބާރުބޮޑު ކުރި އެވެ. 
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތެރޭގައި ސަލާހަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޕެނަލްޓީޝޫޓް އައުޓަށްތައްޔާރުވުމުގެ ގޮތުން އޮސްޓްރޭލިއާއިން ކީޕަރު ބަދަލު ކުރި އެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި، މެޗުގެ 119 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ވަނީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކީޕަރު ޕެޓްރިކް ބީޗްގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު އަދި ކެޕްޓަން މެޓް ރަޔަން ކުޅެން އަރުވާފަ އެވެ.
ކޯޗުގެ މި ނިންމުމަކީ ހަމައެކަނި ޕެނަލްޓީ ޝޫޓްއައުޓަށް އަމާޒުކޮށްގެން ނިންމި ނިންމުމެކެވެ.
ރަޔަންގެ ބައިނަލްއަގުވާމީ ބޮޑު ތަޖުރިބާއަށް ބަރޯސާވުމުގެ ގޮތުންނެވެ. މިއީ އޭނާގެ ކެރިއަރުގައި ތާރީހީ ހަތަރުވަނަ ވޯލްޑް ކަޕް މުބާރާތެވެ. އެކަމަކު އޭނާގެ ތަޖުރިބާއިން އޮސްޓްރޭލިއާ އަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. މިސްރުގެ ކުޅުންތެރިން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރި އެވެ.
ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ފިޔަވަޅެކެވެ. ސަބަބަކީ މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، ފޯމުގައި ހުރި ޒުވާން ކީޕަރު މެޗުގެ ފަހު ސިކުންތުކޮޅުގައި ބަދަލުކުރުމެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި  އިސްކޮޅުން ދިގު ޑިފެންޑަރު ހެރީ ސޫޓާ އެވެ. ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލަން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން މާ މަތިން ބޭރަށެވެ.
އޮސްޓްރޭލިއާއިން ހަތަރުވަނަ ޕެނަލްޓީ ފޮނުވާލި އުމުރުން 18 އަހަރުގެ ޑިފެންޑަރު ލޫކަސް ހެރިންގްޓަންގެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި އޮތް ވަގުތު، އޭނާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ،ދަނޑީގައި ޖެހިފައި ބޭރަށެވެ.
ހެރިންގްޓަންގެ ޕެނަލްޓީ ނާކާމިޔާބުވުމުން މިސްރަށް 3-2 ގެ ލީޑެއް ލިބުނެވެ. އަދި އޭގެ ފަހުން މިސްރުގެ ހުސާމް އަބްދުލްމަޖީދު ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް، 4-2 ގެ ނަތީޖާއަކުން މިސްރު މޮޅުކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ