ރައްޔިތުންގެ ހިޔާލު ހޯދާ ބިލަކީ ރައްޔިތުންގެ ބާރުތައް ހަނިކުރާ ބިލެއް: މެންބަރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަކީ ރައްޔިތުންނަށް ލިބޭ ބާރުތައް ހަނިކުރުމަށް ހުށަހަޅާފައިވާ އަދި މިވަގުތަށް މުހިއްމު ބިލެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތައް ބަޔާންކުރާ ގާނޫނެވެ. މިއީ މިފަދަ ގާނޫނެއް އެކުލަވާލާ ފުރަތަމަ ފަހަރެވެ.
މިބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް މުހިއްމު އެތައް ކަމެއް ކޮށްދޭންޖެހިފައިވާއިރު މިބިލަކީ މުހިއްމު ބިލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާއިރު މިބިލް މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ބާރުވެރިކަން އޮތް ކަން ދެއްކުމަށް ކަަމަށެވެ. އަދި ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅައި ގިނަ ބިލް ތަކަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިކުރުމަށް ސަރުކާރަށް ހުރިހާ ބާރުތަކެއް ހޯދުމަށް ހުށަހަޅާ ބިލް ތަކެއް ކަމަށެވެ.
އެމްޑީޕީގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މިއަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވީ ޝަރުއީ ނިޒާމުގެ ބާރުގައި ގާނޫނު އަސާސީ ގަނޑުބަނޑުކޮށްގެން ކަމަށެވެ. އެހެންކަމުން މިއަދުގެ ސަރުކާރުން ރައްޔިތުންގެ އާންމު ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގާނެ ގޮތުގެ ބިލެއް ކަމަށް ބުނެ ބިލެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންނަށް ލިބިދޭ ބާރުތަކެއް ހަނިކުރުން ކަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް ވިދާޅުވި އެވެ. އަދި މިބިލް ހުށަހަޅާފައި އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް އެކަން ނުކުރެވޭ ގޮތަށް ކަަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ މިބިލް ގާނޫނަކަށްވުމުން ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ބޭނުންވެ އެކަން ފާސްކުރި ނަމަވެސް އެކަން ކުރެވެނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިގެން ކަމަށްވާތީ އެއީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
މިބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަށް ވުރެ މިވަގުތަށް މުހިއްމީ އިންތިހާބުތައް މިނިވަންކަމާ އިންސާފުވެރިކޮށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭ ގޮތަށް ކަންކަން ހަމަޖެހިފައި ނުވާނަމަ ރައްޔިތުންގެ ހިޔާލު ކަމެއްގައި ހޯދި ނަމަވެސް ރައްޔިތުންނަށް އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔާމީން އިތުރަށް ވިދާޅުވީ މިބިލް ފާސްކުރުމަށް ވުރެ އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ހޯދާދިނުން ވެސް މިވަގުތު މާމުހިއްމު ކަމަށެވެ.
މިބިލްގެ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަށް އޭނާ ތާއީދުކުރައްވާ ކަމަށާއި މިއީ މުހިއްމު ބިލެއް ކަމަށެވެ. މުބީން ވިދާޅުވީ މިބިލަކީ ރައްޔިތުންނާ ގުޅޭ މުހިއްމު މައްސަލަތަކުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ވޯޓަށް އެހުމާއި އެކަމާއި ގުޅޭ ކަންކަން ހިމެނޭ ބިލަކަށްވާތީ ރައްޔިތުންގެ މުދާ ނުވަތަ އެސެޓް ރައްޔިތުންގެ ބަހެއް ނެތި ނުނެގޭނެ ކަމަށާއި އަދި ރައްޔިތުންގެ މުދާ ނެގޭނެ ގޮތްތައް މިފަދަ ބިލެއްގައި ހިމެނުން މުހިއްމު ކަމަށެވެ.
މިބިލަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ މިބިލް ފަރުމާކޮށްފައި އޮތް ގޮތުން ގާނޫނު އަސާސީގައި ބުނާ ހާލަތްތަކުގައި ނޫން ގޮތަކަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނުނެގޭނެހެން ހީވާ ކަމަށާއި އެެހެންކަމުން ބިލްގައި އެކަން ވަރަށް ސާފުކޮށް ބުނެދޭންޖެހޭ ކަަމަށެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ ލާޒިމް ކުރާ ހާލަތުގައި އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންޖެހޭ އިހްތިޔާރީ ހާލަތުގައި ވެސް އެކަން ކުރެވޭ ގޮތަށް ބިލް ފަރުމާކުރެވިފައި އޮތުން މުހިއްމު ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާއިރު ރައްޔިތުންނާ ހިސާބަށް ދާންޖެހޭނީ ވޯޓަށް އަހާ މައްސަލައިގެ ބަދަލުގައި ވޯޓަށް އަހާ ސުވާލު ކަމަށެވެ. ވޯޓަށް އަހާ މައްސަލަ ސާފުކޮށްދޭނީ އެކަން ކުރަންޖެހޭ މުއައްސަސާތަކުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ތަކަކީ ސުޕްރީމް ކޯޓަށް ނުގޮސް މާނަކުރެވޭ ވަރަށް ސާފުކޮށް ހުންނަންޖެހޭ ގާނޫނުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި މިއަދު ސަރުކާރުން ހުށަހެޅި ބިލަކީ ވެސް މުހިއްމު މައްސަލައެއްގައި އަމަލުކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްދޭ ގާނޫނަކާއި ގުޅޭ ބިލެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާއިރު ހިޔާލު ހޯދާ މައްސަލައިގެ ތަފްސީލް އެކަމެއްގެ ފައިދާއާއި ގެއްލުންތައް ރައްޔިތުންނަށް އޮޅުން ފިލުވައިދޭނެ މުއައްސަސާއެއް ހުންނަންޖެހޭނެ ކަމަށާއި އަދި ބިލްގައި އެކަން ބަޔާންކުރެވިފައިވާން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޕީޕީއެމްގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަކީ މުހިއްމު ބިލެއް ކަމަށެވެ. އަދި އެބަޔަކު ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރަމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނަގަންވީ ގޮތް ގާނޫނެއްގައި ބަޔާންކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވަމުން ޕީޕީއެމްގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު އާންމު ވޯޓު ނެގޭނެ ހާލަތްތައް ބަޔާންކުރުމަށް އެކުލަވާލާ ގާނޫނެއް ކަމަށެވެ. މިފަދަ ވޯޓެއް ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާ ޒިންމާތަކާއި އެ ވޯޓް ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް މިފަދަ ވޯޓް ތަކާއި ގުޅޭ އެންމެހާ އުސޫލުތައް މި ބިލްގައި ބަޔާންކުރެވިފައިވާނެ ކަަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނާއި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރެއްގެ ދަށުން ނެގިދާނެ ކަމަށެވެ. އަދި މިވޯޓުގެ ކަންކަން ކުރިއަށް ގެންދާ ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން މިވޯޓް ނަގާނެ ދުވަހެއް ކަނޑައަޅައި އިއުލާންކުރުމުގެ ކުރިން ރައީސް އަށާއި މަޖިލީހަށް ގަރާރަކުން އެ ވޯޓް ނުނަގަން ނިންމިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިބިލްގެ ދެވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމުގައި އާއި ގައުމީ މުހިއްމު މައްސަލަތަކުގެ އިތުރުން ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެނައުމަށެވެ.
ގާނޫނު އަސާސީގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ބެހޭ ބާބުގައިވާ މާއްދާތަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސަތުގެ ދައުރު ކަނޑައެޅުމާއި އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރެވޭގޮތް ކަނޑައަޅައި މާއްދާއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓް ނެގިދާނެ ކަމަށް ބިލްގައި ބުނެ އެވެ.
ގާނޫނު އަސާސީގެ މިމާއްދާތަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފިނަމަ ރައީސް އެބިލެއް ތަސްދީގުކުރުމުގެ ކުރިން އާންމު ރައްޔިތުުންގެ ހިޔާލު ހޯދަން ޖެހެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލައިފިނަމަ އެބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ވެސް ބިލްގައި ބުނެ އެވެ. މިފަދަ ބިލެއް ތަސްދީގުކުރަން ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމައިފިނަމަ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކުރަން ވާނެ ކަަމަށް މިބިލްގެ 31 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ރައްޔިތުން އެބިލެއް ތަސްދީގު ކުރަން ބޭނުން ނުވާ ނަމަ އެ ބިލެއް ބާތިލްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިލްގައި ބުނާ ގާނޫނު އަސާސީގެ މާއްދާތައް ފިޔަވާ ދެން ހުރި ކަންކަމުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ރައްޔިތުން ނިންމާ ގޮތަކަށް އެކަމުގައި އަމަލުކުރަންޖެހޭނެ ކަމަށް ބިލްގައި ބުނެ އެވެ.
މިބިލްގެ ދަށުން ކުރިއަށް ގެންދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ތަކުގައި ވެސް ވޯޓްލެވޭނީ އުމުރުން 18 ފުރިފައިވާ ފަރާތްތަކަށް ކަމަށް ބިލްގައި ބުނެ އެވެ. މިފަދަ ވޯޓް ތަކުގައި ވެސް ސިޔާސީ ޕާޓީ ތަކަށް އެ ބަޔަކު ބޭނުންވާ ގޮތަށް އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނާ އެއްގޮތަށް ކެމްޕޭން ކުރެވެ އެެވެ. މިފަދަ ވޯޓް ތަކުގައި ވެސް އެއްވެސް ފަރާތަކުން އިންތިހާބީ ކުށެއްް ކޮށްފިނަމަ އަދި އިންތިހާބާ ގުޅޭ ޝަކުވާއެއް ހުށަހަޅައިފިނަމަ އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް ބިލްގައި ބުނެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓްތައް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް މިބިލްގެ 18 ވަނަ މާއްދާގައި ބުނެފައިވާއިރު، މިފަދަ ވޯޓްތަކަކީ ވެސް ސިއްރު ވޯޓް ތަކެއް ކަމަށް ބިލްގައި ބުނެ އެވެ.
މިއަދުގެ ޖަލްސާގައި މިބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން މިބިލް ބަލައިގަތުމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. މިބިލް ބަލައިގަތުމާ ދެކޮޅަށް ހަތް މެންބަރުން ވޯޓް ދެއްވާފައިވާ އިރު ހަ މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ. މިބިލް މަޖިލީހަށް ބަލައިގަތުމާ ގުޅިގެން ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެެވެ. މިބިލްގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ