ފަހު ވަގުތު ސްޕެއިން އަތްދަށުވެ ޕޯޗުގަލް ވޯލްޑް ކަޕުން ކަޓައިފި

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްޕެއިނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފި އެވެ. 
މިއާ އެކު، ޕޯޗުގަލާ އެކު، އެ ޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރި މަސައްކަތަށް ނިމުން އައީ އެވެ. ޖުމްލަ އެކު، ހަ ވޯލްޑް ކަޕްގައި ކުޅުނު، މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަށް ކެރިއަރު ނިންމާލަން މި ޖެހުނީ ވޯލްޑް ކަޕް ނުލިބި އެވެ. 
މިރޭގެ މެޗުގައި، ސްޕެއިނަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން މިކޭލް އޮޔާޒަބާލަށް ލިބުނު ފުރުސަތަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، ލަމީން ޔަމާލް އާއި އަލެކްސް ބައޭނާ ފުލުފުލުގައި ފޮނުވާލި ދެ ބޯޅައެއް ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. 
ޕޯޗުގަލް އަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު، ޕެޑްރޯ ނެޓޯ ނެގި ހުރަހަކުން، ޖޮއާއޯ ފެލިކްސް ޖައްސާލި ބޯޅައަކަށް އަަރައި، ރޮނާލްޑޯ ފޮނުވާލ ހަމަލާ ސްޕެއިންގެ ކީޕަރު، އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ. 
މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލަށް ލީޑުނަގައިދޭން ނޫނޯ މެންޑޭސް ފޮނުވާލި ޝޮޓެއް ސްޕެއިންގެ ޕެޑްރޯ ޕޯރޯ ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ ދެ ވަނަ ހާފު ފެށިގެން ނުވަ މިނިޓް ތެރޭ، މެންޑޭސް އަށް ލިބުނު އަނިޔާއަކާ ހެދި އޭނާ ޖެހުނީ ބަދަލުކުރާށެވެ. 
ޕޯޗުގަލް އަށް ލަނޑު ޖަހައިދޭން ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ސްޕެއިނުން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިއަކު ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. އެ ގޮތުން، ފަބިއަން ރުއިޒް ދިން ބޯޅައެއްގައި، ފެރާން ޓޮރޭޒް ހުސްކޮށްލާފައި މެރީނޯ އަށް ޖައްސާލުމުން އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 
އިތުރު ވަގުުތުގެ ބާކީ އޮތް ބައިގައި ޕޯޗުގަލް އިން ކުރިއަށް ޖެހިގެން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އޭރިއާތެރެއިން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ބޮލުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، ޖޮއާއޯ ނެވޭސަށް ބޮލުން ޖަހަން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ. 
ކުއާޓާ ފައިނަލުގައި ސްޕެއިނުން ކުޅޭނީ ގަދަ 16 ބުރުގައި ބެލްޖިއަމާއި އެމެރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ