މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ޑރ. ޝަހީދު ދެއްކެވި ވާހަކަތަކަށް އިރާނުން ރައްދުދީފި

ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ އިން އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު އީރާނުގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ގޮވާލައި ވާހަކަފުޅު ދެއްކެވުމުން އިރާނުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޝަހީދަށް ފާޑު ވިދާޅުވެ އިރާނުގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ޑރ. ޝަހީދަކީ ގާނޫނީ ގޮތުން މާމޮޅު ބޭފުޅެއްވެސް ނޫން ކަމަށާއި އިރާނުގެ މަސްރަހްގެ ތެރެއަށް ޝަހީދު ވަދެފައިވަނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ކަމަށެވެ. އަދި ޝަހީދު މަގާމާ ހަވާލުވެ އެންމެ ފުރަތަމަވެސް ފިޔަވަޅު އެޅީ އިރާނާ ދެކޮޅަށް ކަމަށް ޖަސްޓިސް މިނިސްޓަރު މުސްތަފާ ޕޫރު ވިދާޅުވި އެވެ.
ޖެނުއަރީ މަހު އިރާނުގައި މަރުގެ ހުކުމް ތަންފީޒްކުރުމުން ޑރ. ޝަހީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝަހީދު އެންމެ ފަހުން ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުން ވަކި މުއްދަތަކަށް އިރާނުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ އދ.ގެ ރެޕެޓުއާ ކްރިސްޓޮފާ ހޭންސް އާއި ޝަހީދު ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުން ވަކި ދުވަހަކާ ޖެހެންދެން ހުއްޓާލުމަށް އދ. އިން ގޮވާލާފައި ވަނިކޮށް ކަންބޮޑުވާހާ ގާތް ގާތުގައި މަރުގެ ހުކުމްތައް ތަންފީޒުކުރަމުން ދާތީ ހިތާމަކުރާ ކަމަށެވެ.
ދުނިޔޭގައި މަރުގެ ހުކުމް އެންމެ ގިނައިން ތަންފީޒު ކުރާ އެއް ގައުމަކީ އިރާނެވެ. އަދި އެގައުމުގެ ވެރިކަމާ މިހާރުގެ ރައީސް ހަސަން ރޫހާނީ ހަވާލުވެވަޑައިގެންނެވި ފަހުން މަރުގެ ހުކުމް ތަންފީޒުކުރުން އިތުރުކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ