ކޯލިޝަންގެ ރިޔާސީ ޓިކެޓް ހައްގުވަނީ ގާސިމަށް: އުމަރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރޭ ނަމަ އެ ކެންޑިޑޭޓަކަށް ވާން ހައްގު މީހަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް މިއަދު އެޕާޓީއާ ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމާ މެދު ޕާޓީތަކުގެ މެދުގައި މީގެ ކުޑަދުވަސްކޮޅެއް ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް މިހާރު އެވާހަކަތައް ވަނީ މަޑުޖެހިފަ އެވެ. މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ދެއްވި ބަޔާނުގައި އުމަރު ވިދާޅުވީ ޖޭޕީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރި ނަމަވެސް ނުވަތަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުނު ނަމަވެސް އެ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ގާސިމް ކަމަށެވެ. "ބައެއް ބޭފުޅުން ހީކުރައްވަނީ އަޅުގަނޑު މި ޕާޓީއަށް އައީ ރިޔާސީ ޓިކެޓް ހޯދާށޭ. ނޫން މުޅިއަކުން ތެދެއް ނޫން. މި ޕާޓީގެ ރިޔާސީ ޓިކެޓްގެ ހައްގުދާރަކީ މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. އަދި ކޯލިޝަން ޓިކެޓްގެ ހައްގުދާރަކީވެސް ގާސިމް އިބްރާހިމް،" އުމަރު ވިދާޅުވި އެވެ. ކޯލިޝަނާ އެކު މަސައްކަތް ކުރަން ޖެހުނު ނަމަވެސް މަސައްކަތް ކުރައްވަން ހުންނެވި ކަމަށް އުމަރު މިއަދު ވިދާޅުވި އެވެ. ޖޭޕީ ރާއްޖޭގެ އެއްވަނަ ޕާޓީއަށް ހެދުމަ ބެހޭ ގޮތުންވެސް އުމަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތިން ވަނަ ޕާޓީއެއްގެ ގޮތުގައި ޖޭޕީ އޮންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށާއި މިއީ އިތުރު އިންޖީނުތައް އަޅައި ކުރިއަށް ޖެހިލަންވީ ވަގުތު ކަމަށެވެ. "ޖުމްހޫރީ ޕާޓީ އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ސުވާލަކީ ތިން ވަނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮންނަންވީތޯ ނުވަތަ އެއްވަނަ ސިޔާސީ ޕާޓީއެއްގެ މަގާމު ހާސިލު ކުރުމަށް ޓަކައި އިތުރު އިންޖީނުތައް އަޅާ، އިތުރު ފަޅުވެރިން ގޮވައިގެން ސިޔާސީ އެންމެ އުސް ކުރި ބޯށި ހާސިލް ކުރުމަށް އާ ހިތްވަރާ އާ އަޒުމާއެކު ނުކުންނަންވީތޯ؟" އުމަރުގެ ވިދާޅުވި އެވެ. އެހެން ޕާޓީތައް ވެރިކަމަށް ގެނައުމަށް ވޭތުވެ ދިޔަ ނުވަ އަހަރު ޖޭޕީ ކޮށްފައިވަނީ ވަރަށް ހިތި ތަޖުރިބާއެއް ކަން ފަހަގަކޮށް އުމަރު ވިދާޅުވީ ދެ އެ ހިތި ތަޖުރިބާ ތަކުރާރުކުރަން ބޭނުން ނޫން ކަމަށެވެ. ޖޭޕީ ދެން ބަދަލުވާން ޖެހޭނީ "ކިންގް ގެ ރޯލަށް" ކަމަށާއި "ކިންގްއެ މޭކާއެއްގެ ރޯލުގައި ނުވަ އަހަރު ތިބެވިއްޖެ" ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ