އެވަކާޑޯ: ހަކުރު ކޮންޓްރޯލް ކުރަން ބޮޑު އެހީއެއް

ކޮންމެ ދުވަހަކު އެވަކާޑޯއެއް ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރެވިދާނެ ހެއްޔެވެ؟ އެވަކާޑޯއަކީ ކޮންމެ ދުވަހަކު ކާންޖެހޭ "ސުޕަފުޑް" އަކަށް ވެދާނެ ހެއްޔެވެ؟ ދިރާސާވެރިން ވިދާޅުވާ ގޮތުގައި އެވަކާޑޯ އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މޭވާގެ ބާވަތެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި އެވަކާޑޯ ހިމެނުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، 'ކަރަންޓް ޑިވެލޮޕްމަންޓްސް އިން ނިއުޓްރިޝަން' ޖާނަލްގައި މިދިޔަ މެއި މަހު ޝާއިއުކުރި ދިރާސާއަކުން ދައްކާގޮތުގައި، އާންމު ކެއުމުގެ ތެރޭގައި ކޮންމެ ދުވަހަކު އެވަކާޑޯއެއް ހިމެނުމުން، ލޭގެ ގްލޫކޯޒް ލޯޑް (ޖީއެލް) ގާތްގަނޑަކަށް 14 ޕޮއިންޓަށް ދަށްކޮށްދެއެވެ. ޖުމްލަ 961 މީހުން ބައިވެރިވި މި ދިރާސާގައި، އެވަކާޑޯ ބޭނުންކުރި މީހުންގެ ކެއުމުގެ (ޖީއެލް) 13.7 ޕޮއިންޓް ދަށްވިކަން ފާހަގަކުރެވުނެވެ. އެވަކާޑޯ އަކީ ހެނދުނުގެ ނާސްތާގައި ގިނަ ބަޔަކު ހިމަނާ މުހިއްމު މޭވާގެ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް ކޭއައިއެމްއެސް ހޮސްޕިޓަލްގެ އިންޓަނަލް މެޑިސިންގެ ސީނިއަ ކޮންސަލްޓަންޓް ޑރ. ސުންދަރު ކްރިޝްނަން ވިދާޅުވި ގޮތުގައި، އެވަކާޑޯ އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ ކާނާއެކެވެ. ނަމަވެސް، އެއީ ހަކުރު ބަލި ނުވަތަ ހަކުރު ކޮންޓްރޯލް ކުރުމަށް އޮތް އަވަސް ހައްލެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އެވަކާޑޯގެ ހާއްސަ ސިފައަކީ އޭގައި ގުދުރަތީ ގޮތުން ކާބޯހައިޑްރޭޓްސް މަދުވެފައި، ހަށިގަނޑަށް ފައިދާހުރި މޮނޯއަންސެޗުރޭޓަޑް ފެޓްސް އާއި ފައިބަ ގިނަވުން. މި މާއްދާތަކުގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ބަނޑުފުރިފައި ހުންނަ އިހުސާސް ދިގުދަންމައިދީ، ކެއުމަށްފަހު ކުއްލިއަކަށް ލޭގައި ހަކުރު މައްޗަށް ދިއުން ކުޑަކޮށްދޭ،" ޑރ. ކްރިޝްނަން ހާމަކުރައްވާފައިވެއެވެ. ހަށިގަނޑަށް ފައިދާހުރި ހަމަހަމަ ކެއުމެއްގެ ތެރޭގައި، ހާއްސަކޮށް މާބޮޑަށް ރިފައިންކޮށްފައިވާ ކާބޯހައިޑްރޭޓްސް ނުވަތަ ސިއްހަތަށް ނުރަނގަޅު ފެޓްސްގެ ބަދަލުގައި އެވަކާޑޯ ހިމެނުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. ޕްރޮސެސްކޮށްފައިވާ ކާނާތަކާ ހިލާފަށް، އެވަކާޑޯއަކީ ލޭގެ ހަކުރަށް ކުރާ އަސަރު ވަރަށް ކުޑަ އެއްޗެކެވެ. ޑރ. ސުންދަރު ކްރިޝްނަން ފާހަގަކުރެއްވި ގޮތުގައި އެވަކާޑޯގައި ހުންނަ ފައިބާގެ ސަބަބުން ލޭގެ ތެރެއަށް ގްލޫކޯޒް ވަންނަ ދުވެލި ލަސްކޮށްދެއެވެ. އަދި އޭގައި ހުންނަ ފައިދާހުރި ފެޓްސްގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރު މައްޗަށް ދަނީ ވަރަށް ލަސްލަހުންނެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ކޮންމެހެން ކޮންމެ ދުވަހަކު އެވަކާޑޯއެއް ކެއުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ފައިދާހުރި ފެޓްސް އާއި ފައިބާ ގިނަ ކެއުންތަކުގެ ސަބަބުން ވަގުތު ފާއިތުވަމުންދާ ވަރަކަށް އިންސިއުލިން މަސައްކަތްކުރާ މިންވަރު ރަނގަޅުވެއެވެ. އެހެންނަމަވެސް، މި ފައިދާ ލިބެނީ ހަމައެކަނި ވަކި އެކައްޗެއް ކެއުމުގެ ބަދަލުގައި މުޅި ކެއުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމުންނެވެ. ޑރ. ކްރިޝްނަން ވިދާޅުވާ ގޮތުގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ކޮންމެހެން ކޮންމެ ދުވަހަކު އެވަކާޑޯއެއް ކެއުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ، ސިއްހަތަށް ފައިދާހުރި މޭވާއަކަށް ވީނަމަވެސް، ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެ ކާންޖެހޭ ވަކި މިންވަރެއް ކަނޑައެޅިފައެއް ނެތުން ކަމަށް ޑރ. ކްރިޝްނަން ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި މުހިންމީ ތަރުކާރީ، މޭވާ، ހޯލް ގްރެއިންސް، އޮށްޓަރު ހުންނަ ތަކެތި، ނަޓްސް، މަސް އަދި ފައިދާހުރި ފެޓްސް ހިމެނޭ ހަމަހަމަ ކެއުމަކަށް ސަމާލުކަން ދިނުން ކަމަށް ޑރ. ކްރިޝްނަން އިރުޝާދު ދެއްވައެވެ. "ހަކުރު ބަލި ރަނގަޅަށް ބެލެހެއްޓޭނީ މުޅި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިގެން. އެއީ ސިއްހަތަށް ފައިދާހުރި ކެއުން، ގަވާއިދުން ކަސްރަތުކުރުން، އެކަށީގެންވާ ނިދި ހޯދުން، ބަރުދަން ކޮންޓްރޯލް ކުރުން، ސްޓްރެސް މެނޭޖްކުރުން އަދި ޑޮކްޓަރުން ދޭ ފަރުވާތަކަށް ފަރުވާތެރިވުން" ޑރ. ކްރިޝްނަން ވިދާޅުވެފައިވެއެވެ. އެވަކާޑޯގައި ހިމެނޭ ފައިބަރާއި ފައިދާހުރި ފެޓްސްގެ ސަބަބުން އެއީ ހަކުރު ބަލި ހުންނަ މީހުންގެ ކެއުމަށް އިތުރުކޮށްލަން ރަނގަޅު އެއްޗެކެވެ. ނަމަވެސް، އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ ހަމައެކަނި "ސުޕަފުޑް" އެއްގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، މުޅި ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުމުގެ އާދަކާދަތައް ބަހައްޓައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ