މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ ދެމީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް އެކެއްގައި ހުރި އިމާރާތެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފޭސް އެކެއްގެ އިމާރާތެއްގެ ތެރޭގައެވެ.
މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަނީ ޓްރެފިކް ފުލުހަކު އެތަނުގައި ހުއްޓައި އެ ދެމީހުން އާދަޔާ ހިލާފު ގޮތްތަކަކަށް އުޅެމުންދާ މަންޒަރެވެ. ފުލުސް މީހާ އެތަނުގައި ހުރި ނަމަވެސް، އެ ފިރިހެން މީހާ އަންހެން މީހާއާ ގާތްވެ، އާންމު ތަންތަނުގައި އުޅުން އެކަށީގެންނުވާ ފަދަ ގޮތްތަކަށް އޭނާގެ ގައިގައި އަތްލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ފުލުހުން އެ ސަރަހައްދަށް ދިއުމުގެ ކުރިން އެ ދެމީހުންގެ މެދުގައި ބާރަށް ހަޅޭއްލަވައި ބޮޑު ޒުވާބެއް ހިނގާފައިވެއެވެ. އަދި ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ފުރުސަތުގައި އެތަނުގައި ޖުމްލަ ހަތަރު މީހަކު ތިއްބެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ދެ މީހުންނެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، އެ ސަރަހައްދުގައި ހިނގި ހާދިސާއަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ