ވޯލްޑް ކަޕް 2026: ސްޕެއިން އެއްވަނައަށް، ދެވަނަ ބުރުގައި ކޭޕް ވާޑާއި އާޖެންޓީނާ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގެ ފަހު މެޗުތައް ނިމުނުއިރު، ސްޕެއިނުން 1-0 އިން އުރުގުއޭ ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދާފައިވާއިރު، އަނެއް މެޗުގައި ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުކޮށް މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑުން ތާރީޚީ ގޮތުން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި ނަތީޖާތަކާއެކު ސްޕެއިނަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެވަނަ ހޯދި ކޭޕް ވާޑަށް ލިބުނީ ތިން މެޗުން އެއްވަރުވެގެން ލިބުނު ތިން ޕޮއިންޓެވެ. ކުރިން ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އާއި ސައުދީ އަރަބިއްޔާއަށް ލިބުނީ ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލެވެ. މިއީ އުރުގުއޭ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ. ސްޕެއިނާއި އުރުގުއޭ ބައްދަލުކުރި ފޯރިގަދަ މެޗު ފަށައިގެން އުރުގުއޭއިން ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯންއަށް ބާރުބޮޑުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ޚާއްޞަކޮށް ފުރަތަމަ ހާފުގެ ހައިޑްރޭޝަން ބްރޭކަށްފަހު، އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒަށް ދެ މިނިޓް ތެރޭގައި ލިބުނު ރަނގަޅު ދެ ފުރުސަތެއްގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އުރުގުއޭއިން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ 42 ވަނަ މިނިޓްގައެވެ. މާކޯސް ލޮރެންޓޭ ނަގައިދިން ހުރަހަކުން، ސްޕެއިންގެ އަލެކްސް ބައޭނާ އެނބުރިލާފައި ފޮނުވާލި ޝޮޓް ގޯލަށް ވަނީ އުރުގުއޭގެ 40 އަހަރުގެ ތަޖުރިބާކާރު ކީޕަރު ފެނާންޑޯ މުސްލޭރާގެ އަތުގައި ޖެހިފައެވެ. ސްޕެއިންގެ އަލެކްސް ބައޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަންނަނީ-- ދެވަނަ ހާފުގައި ސްޕެއިންގެ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ޑެނީ އޯލްމޯއަށް ގޯލެއް ނުޖެހުނުއިރު، ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. މެޗުގެ ފަހުކޮޅު އުރުގުއޭގެ ނިކޮލަސް ޑި ލަ ކްރޫޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު އުނާއި ސިމޯން ދިފާއުކުރިއެވެ. އުރުގުއޭގެ ހާލަތު އިތުރަށް ގޯސްވީ މެޗުގެ އިތުރު ވަގުތުގައި އަގުސްޓިން ކަނޯބިއޯ، ސްޕެއިންގެ ޕައު ކުބާރްސީއަށް ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑު ދެއްކުމުންނެވެ. މި މެޗާއެކު ސްޕެއިން ވެގެންގޮސްފައިވަނީ އެޓީމުގެ ވޯލްޑް ކަޕް ތާރީޚުގައި ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ ފަހަރަށެވެ. ސައުދީ އަރަބިއްޔާއާއި ކޭޕް ވާޑް ބައްދަލުކުރި މެޗަށްފަހު ކޭޕް ވާޑް ކުޅުންތެރިން-- ގްރޫޕްގެ އަނެއް މެޗުގައި ކޭޕް ވާޑް އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސައުދީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަހަތަށް ކުޅޭ އަލް ތޮމްބަކްތީއަށް އަނިޔާވެގެން އަލީ ލަޖާމީ ބަދަލުގައި އަރުވަން ޖެހުމެވެ. ސައުދީގެ ކެޕްޓަން ސަލީމް އަލް ދައުސާރީ އެޓޭކުގައި މަސައްކަތްތަކެއް ކުރި ނަމަވެސް ކޭޕް ވާޑްގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ. އަނެއްކޮޅުން ކޭޕް ވާޑްގެ ކެޕްޓަން ރިޔާން މެންޑޭޒް އަދި 74 ވަނަ މިނިޓްގައި ލަރޯސް ޑުއާޓޭއަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށްވީ ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސްއެވެ. މި އެއްވަރުވުމާއެކު ކޭޕް ވާޑަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވިއިރު، ދެވަނަ ބުރުގައި އެޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ އެއްވަނަ ހޯދި ސްޕެއިން ދެވަނަ ބުރުގައި ޖުލައި 2 ވަނަ ދުވަހު ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ބައްދަލުކުރާނީ އޮސްޓްރިއާ ނުވަތަ އަލްޖީރިއާއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ