ވައުދުތަކާއެކު މައުމޫން ރީފޯމް މޫވްމަންޓުގެ މެނިފެސްޓޯއެއް ނެރެފި

ފަސް އަހަރުގެ ދައުރަކަށް ގިނަ ވައުދުތަކާއެކު މައުމޫން ރީފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ މެނިފެސްޓޯއެއް މިރޭ ނެރެފި އެވެ.
ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތް ކުރެއްވުމަށް އުފައްދާފައިވާ އެމްއާރްއެމް އިން މެނިފެސްޓޯއެއް ނެރުނު އިރު އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް އެ މޫވްމަންޓުގެ އިސް ބޭފުޅުން ވަނީ ބުނެފަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުގައި ރައީސް މައުމޫން ތަމްސީލު ކުރައްވާއިރު ރައީސް މައުމޫން އެދިލައްވާ ސިޔާސަތުތަކެއް ހިމެނޭ ގޮތަށް ގިނަ ވައުދުތަކަކާއެކު މިރޭ ވަނީ މެނިފެސްޓޯއެއް ނެރެ ރަސްމީ ވެބްސައިޓެއް ތައާރަފްކޮށްފަ އެވެ.
ފިޔާތޮށިކުލައިގެ އެ މެނިފެސްޓޯއަކީ 16 ކަމަކަށް އަމާޒު ހިފައިގެން ހަދާފައިވާ މެނިފެސްޓޯއެކެވެ. އޭގެ ތެރޭގައި އެންމެ އިސްކަމެއް ދީފައި ވަނީ، އިސްލާމީ ވެރިކަމެއް ގާއިމްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމާއި ރިޔާސީ ނިޒާމެއްގެ ތެރެއިން ދައުލަތް ބައްޓަން ކުރުމާއި ރައްޔިތުން ބިންވެރި ކުރުން އަދި ޒުވާނުންގެ ރައުސްމާލް ތަނަވަސް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރައީސް މައުމޫންގެ ފަރާތުން މެނިފެސްޓޯއެއް ނެރެފައިވާ އިރު އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން ވެސް ވަނީ ވަކިވަކިން މެނިފެސްޓޯއެއް ނެރެފަ އެވެ. އިދިކޮޅު އިއްތިހާދުން ބުނި ގޮތުގައި އެ އިއްތިހާދުގެ ސަރުކާރުން ތަންފީޒު ކުރާނީ ހުރިހާ ޕާޓީތަކުން އެއްބަސްވާ އެއް މެނިފެސްޓޯއެއް ކަމަށާއި އެގޮތުން ހުރިހާ މެނިފެސްޓޯއެއްގައި ހުރި ކަންކަމަށް މަޝްވަރާ ކުރުމަށް ފަހު އިއްތިހާދުގެ މެނިފެސްޓޯ ވަރަށް
އަވަހަށް ނެރޭނެ ކަމަށެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގެން ރައީސް މައުމޫންއަށް ތާއީދު ކުރައްވާ ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ އެމްއާރްއެމް ސިޔާސީ ހަރަކާތްތައް ހިންގާތީ އިލެކްޝަން ކޮމިޝަން އިން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން ސިޔާސީ ހަރަކާތް ހިންގޭނީ ސިޔާސީ ޕާޓީއަކަށް ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. އަދި އެމްއާރްއެމް އިން ފިޔާތޮށި ކުލަ ބޭނުން ކުރާ މައްސަލާގައި ޕީޕީއެމް
އިން ވަނީ އެ ކުލަ ބޭނުން ނުކުރުމަށް ވެސް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ