"ފައިސާ ބެހި ނަމަވެސް، އަޅުގަނޑު ހޮވުނީ ރައްޔިތުންގެ އިހުލާސްތެރިކަމުން"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާގެ ގޮނޑިއާ މެދު އެކި ގޮތް ގޮތުން ބަހުސް ކުރެވެމުން ދިޔަ އެވެ. އެ ދާއިރާ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓަކާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓެއް ކުރިމަތިލި އެވެ. ސިޔާސީ ބައެއް މީހުން ހީކޮށްގެން ތިބީ އެ ގޮނޑި ނަގާނީ އެމްޑީޕީން ކަމަށެވެ. ސަބަބަކީ ސަރުކާރު ކޯލިޝަނަށް އޮތް ތާއީދު ޖޭޕީ އާއި އަދާލަތު ޕާޓީ އަށް ބައިބައިވެގެން ގޮސް އެމްޑީޕީ ގިނަ ވޯޓު ނަގާނެ ކަމަށް ބެލެވިފައި އޮތުމެވެ.
އެކަމަކު ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު ތަނަވަސް އަގުލަބިއްޔަތަކާ އެކު މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އަދާލަތު ޕާޓީގެ ކެންޑިޑޭޓު އަނާރާ ނައީމް އެވެ. އަނާރާއާ އެންމެ ކައިރިން ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓަ އޭނާއާ 235 ވޯޓު ތަފާތު އުޅެ އެވެ.
މާލޭގެ އެޑްރެސްގައި އޮތް ނަމަވެސް ހއ. ކެލަައަށް ނިސްބަތްވާ އަނާރާ ނައީމް 45 ޕަސެންޓް ރައްޔިތުންގެ ތާއީދު ހޯދައިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެދާއިރާގެ ރައްޔިތުންގެ އިޚުލާސްތެރިކަމާއި އޭނާގެ ފަހަތުގައި އޮތް ޓީމުގެ ރަނގަޅު ކަމުން ކަމަށް އަނާރާ ދެކެ އެވެ.
"ނޭކުރަންދޫ އަކީ އަޅުގަނޑުގެ ފިރިމީހާގެ ރަށް. އެ ދާއިރާގެ ގިނަ ރައްޔިތުންނާއި އަޅުގަނޑު ރައްޓެހިވާނެ. އަބަދުވެސް ބަންދެއް ލިބޭއިރަށް އެރަށްތަކަށް ގޮސްހަދަން. އެބޭފުޅުން އަޅުގަނޑުގެ ކިބައިން އެދިގެން މިދާއިރާއަށް ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ފެންނާތީ ކުރިމަތިލީ،" އަނާރާ ވިދާޅުވި އެވެ.
ބޮޑު ދެ ސިޔާސީ ޕާޓީއަކުން ކުރިމަތިލި ފިރިހެން ދެ ކެންޑިޑޭޓު ބަލި ކުރުމަށް ފަހު މަކުނުދޫ ދާއިރާގެ ގޮނޑި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރި އަނާރާ ވިދާޅުވީ އޭނާ އެންމެ އިސްކަމެއްދެނީ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނިޒާމުގެ މައްސަލަތަކާއި ތައުލީމްގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކަންކަން ކުރިއަށް ދާނީ ސަރުކާރާ ގުޅިގެން މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްގެން ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ހަމައެކަނި ގޮޑި ލިބިވަޑައިގަތް އަނާރާ ވިދާޅުވީ މަޖިލީހުގެ ތެރޭ އަދާލަތު ޕާޓީ އަށް ވެސް ލިބިގެން ދިޔައީ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދާލަތުން ބޭނުންވާ ގޮތަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދާއިރާގެ ކެމްޕޭއިނުގައި އުޅުއްވި އިރު އެ ދާއިރާގެ ރައްޔިތުންނަށް ވެސް ފައިސާގެ ނުފޫޒު އޮތް ނަމަވެސް ރަނގަޅު ޕްލޭނަކާ އެކު ކުރިމަތިލައި ފައިސާގެ ދަޅައަށް ނުހެއްލި އިހުލާސްތެރިކަމާ އެކު އޭނާ އެގޮނޑިއަށް ހޮވައިދިން ރައްޔިތުންގެ މަތިން ދުވަހަކު ވެސް ހަނދާންނުނެތޭނެ ކަމަށެވެ.
"ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ވަރަށް އުފާކުރި ކަމެއް އެއީ ދާއިރާގެ ބޮޑު އަޣުލަބިއްޔަތެއް ލިބުން. އަޅުގަނޑުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ކުރުން. ދުވަހަކު ވެސް އަޅުގަނޑު ހަނދާނެއް ނުނެތޭނެ އެކަންތައްތަ މަތިން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ދާއިރާއަށް ކުރިއެރުމާއި ތަރައްގީ ހޯދައިދޭން،" އަނާރާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ