އައްޑޫސިޓީ ގެއެއްގެ ޖެނުއަރީ މަހުގެ ކަރަންޓު ބިލަށް ބައި މިލިޔަނެއްހާ ރުފިޔާ

އައްޑޫސިޓީ ހިތަދޫ ގެއެއްގެ ޖެނުއަރީ މަހުގެ ކަރަންޓު ބިލަށް ބައި މިލިއަނެއްހާ ރުފިޔާ އެރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ހިތަދޫ ބެރުމަތި އަވަށުގެ ގެއަކަށް ފޮނުވި ބިލުގައި ވާ ގޮތުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގޮސް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ބޭނުން ކުރި ކަރަންޓަށް 495،111.42 ރުފިޔާ އަރާފައިވެއެވެ.
ފެނަކައިން ހިންގާ އިންޖީނުގެއިން ފޮނުވި ބިލަށް އެހާ ބޮޑު އަދަދެއް އަރާފައިވާ އިރު ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އައްޑޫސިޓީއިން ވީއެފްޕީއަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ބިލުގައި އެހާ ބޮޑު އަދަދެއް ޖެހުނީ އޮޅިގެން ކަމަށް ބުނެ ބިލު ވަނީ އަނބުރާ ގެންގޮސްފައެވެ.
"އެއީ 495000 ރުފިޔާ އެރީމަ ބޮޑު ކަމުން އެ ގޭ މީހުން ޝަކުވާ ކުރީމަ އެކަން އެނގުނީ. އެކަމަކު މިސާލަކަށް އެހެންޔާ ބިލަށް އަރާ ވަރަށް ވުރެ ކުޑަކޮށް ބޮޑު ކޮސްލައިގެން ނެގިޔަސް މާ ބޮޑު ޝައްކުތަކެއް ވެސް ނުކުރެވޭނެ. މިއީ ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް،" އެ މީހާ ބުންޏެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ އެފަދަ މައްސަލައެއް ފެންމަތިވެ އެކަން ބަލަން އަންގާފައިވާ ކަމަށެވެ.
"ބިލިތަކުގައި މިހުންނަނީ ހިއުމަން ކަލްކުލޭޝަންއެއް ނޫން. އެއީ އޮޓެމެޓިކް އެއްޗެއް. އެއީ ރަނގަޅު ރީޑިންއެއް ނޫން. އަޅުގަނޑު ވާނެ މިހާރު ކަން ހިނގާ ދިޔަ ގޮތުގެ އެކްސްޕްލެނޭޝަނެއް ހޯދާ މައްސަލަ ބަލަން އަންގާފައި،" ޝަރީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ