މެމްބަރު އިލްހާމްގެ އަނބިކަނބަލުންނަށް އެއްވެސް ތުހުމަތެއް ނެތް: އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުހުން މިއަދު ހަވީރު ބަންދުކުރީ އެއްވެސް ތުހުމަތެއްގެ މައްޗަށް ނޫން ކަމަށް އާއިލާ އިން ބުނެފި އެވެ.
އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހައްޔަރުކުރުމާ ގުޅިގެން، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މާޝާ ހައްޔަރުކޮށްފައި ވަނީ އެއްވެސް އަސާސެއް އަދި އެއްވެސް ތުހުމަތެއްގެ މައްޗަށް ނޫން ކަމަށެވެ.
މާޝާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، މާޝާއާ ބައްދަލު ކުރެއްވުމަށް މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ވަޑައިގެންނެވި ކަމަށެވެ. އަދި މާޝާ އަދި ވެސް ހުންނެވީ އެ އިދާރާގައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން މީހަކު ހުއްޓުވޭނީ ކޮންމެ ވެސް ތުހުމަތެއް އޮވެގެން ކަމަށް. ނަމަވެސް ފުލުހުން އެ ތުހުމަތެއް ވިދާޅެއް ނުވޭ،" ވަކީލު ވިދާޅުވި އެވެ.
MP Ilham ge anbikanbalun hayyaru koffi
Mihaaru
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ކޮންމެ ހާލަތެއްގައި ވެސް މީހަކު ހިފައި ހައްޔަރުކުރެވޭނެ ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ނަމަވެސް އެގޮތަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަން އަހުމަދު ފާހަގަކުރެއްވި އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވީނަމަވެސް މީހުން ހައްޔަރުކުރުމާ ބެހޭ އިޖުރާއަތްތަކާ ބެހޭ ގާނޫނުތައް ސަސްޕެންޑްކޮށްފައި އޮތުމަކީ ހިތަށް އެރިހާ މީހަކު ހައްޔަރު ކުރުމަށް ބާރު ލިބޭ ކަމެއް ނޫން. އަދި ގާނޫނުއަސާސީގައި، އެއްވެސް މީހަކު ކުރި ކުށަކާ ގުޅިގެން އަނެކުންގެ ހައްގަށް އަރައި ނުގަނެވޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އިލްހާމްގެ އަނބިކަނބަލުން މި ހައްޔަރުކުރީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ.
އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ވެސް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި އެވެ. އެކަމަކު ސިނާން ވަނީ އޭނާ ހޯދަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުސް އޮފީހަށް ވަޑައިގެން އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ސިނާން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ. ފުލުހުން އިލްހާމް ހޯދަނީ ކީއްވެ ކަމެއް ނޭނގެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އިލްހާމާއި ސިނާން މި މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގެ މުއްދަތު ޖެހުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިލްހާމާއި ސިނާން ވަނީ ދޫކޮށްލައިފަ އެވެ.
އެ ދެ ބޭފުޅުން އޭރު ހައްޔަރުކުރީ އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގަތްތަނުންނެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ