އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެކި މައްސަލަތަކުގައި ޙުކުމް ކުރުމަށް ކޯޓުތަކަށް އަންގާކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ. ސަރުކާރުތަކުން ކޯޓުތަކަށް އަތްބާނާކަމަށް ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުންވެސް ބުނަމުންދެއެވެ. ނަމަވެސް އެ ސަގާފަތް މިއަދު އެއްކޮށް ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް ޝަރުޢީ ދާއިރާ މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ޝަރުޢީ ދާއިރާގެ ކަންކަމުގައި ނުފޫޒު ފޯރުވުން ނިމުމަކަށް ގެނައުމަށް އެ ދާއިރާގެ ބޭފުޅުންގެ މަޝްވަރާތަކާއެކުގައި ހައްލުތައް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 3 ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގަމުންދާއިރު، ޒަމާންތަކެއްވަންދެން ޝަރުޢީ ދާއިރާއަށް އޮންނަ ނުފޫޒުތައް މުޅީން ނިމުމަކަށް ގެނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމަށް ޙަގީގީ މިނިވަންކަން ލިބިގެންދާނީ އެކި ދާއިރާތަކުން މިނިވަންކަން ކަށަވަރުކުރެވިގެން ކަމަށެވެ. އެގޮތުން، ޝަރުޢީ ދާއިރާ މިނިވަންވެފައި އޮތް މިންވަރަކީ ހަގީގީ މާނައިގައި މިނިވަންކަން އިހުސާސް ކުރެވޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ގޮތުން އެ ދާއިރާ މިނިވަންވެފައި ނެތުން ކަމަށެވެ. އެމައްސަލަ ޙައްލުކުރުމަށް ތާރީޚުގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ދެއްވާފައިވާ ކަމަށާއި މިކަމުންވެސް ސަރުކާރުން އެ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތުތަކަށް ޖަވާބުލިގެންދާނެކަމަށެވެ.
"މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާނީ ކޯޓުތަކަށް. އަޅުގަނޑު އެކަން ނިމުމަކަށް ގެނައިން. މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއްނުވެވޭނެ، ވިދާޅެއްނުވެސްވާނެ. ޙަޤީޤަތް ނޫންވީމަ ވިދާޅެއްނުވާނެ، ސަރުކާރުން މިވެނިގޮތަކަށް ޙުކުމްކުރަން އަންގައިފިއެކޭ. ޖުޑީޝަރީ އެވަނީ މިނިވަންކޮށްދީފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖާގައިގެގޮތުން ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަކީވެސް އެމަނިކުފާނުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓު ހުއްޓުމަކަށް އައިސް، ބޮލަށްވެއްޓޭ ހިސާބުގައި ހުއްޓާ، އެ އިމާރާތް ބަދަލުކޮށްދީ، ޖާގަ ބޮޑު އިމާރާތްތަކެއްގައި އެ ދެ ކޯޓު ހިންގޭނެގޮތް ހަމަޖައްސައިދެއްވައި، ބާރުމިނުގައި މައްސަލަތައް ނިންމުމުގެ މިނިވަންކަން ހޯދައިދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ހުޅުމާލޭގައި ކުރިއަށްގެންދާ ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައިވާއިރު 2029ވަނަ އަހަރުގެ ގަޟާއީ އަހަރު ފަށާނީ އެ އިމާރާތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވައުދުވީ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެެއްވާފައެވެ.
ސަރުކާރުން ވަކި ގޮތަކަށް ހުކުމް ކުރަން، އެންގުމުގެ ސަގާފަތް ނިމުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ