މެލޭޝިޔާ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކޮށްފި
މެލޭޝިޔާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރު ކުރުން މެލޭޝިޔާ ސަރުކާރުން މަނާކޮށްފިއެވެ. މެލޭޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ، މިދުވަސްވަރު އުތުރު ކޮރެއާއަށް ދަތުރު ކުރުމަކީ މެލޭޝިޔާގެ އެންމެހާ ރައްޔިތުންނަށް މަނާކަމެއް ކަމަށާއި، މިނިންމުން ނިންމަން ޖެހުނީ، ކޮރެއާ ޕެނިންސިއުލާގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި މިކަން ހައްލުވުމުން، ޓްރެވެލް ނިމުމަކަށް ގެންނާނެ ކަމަށްވެސް މެލޭޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓް ކުރަން ފެށުމާއި ގުޅިގެން ބައެއް ގައުމުތަކުން އަންނަނީ އެގައުމާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ނޯތު ކޮރެއާގެ އެއްވެސް މީހަކު، އެގައުމަށް ދަތުރު ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅުއްވާފައެވެ. މީގެ ކުރިން އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނުނީ އީރާން، ލީބިޔާ، ސޯމާލިޔާ، ޔަމަން އަދި ސޫދާން. ޓްރަމްޕް ވަނީ އެލިސްޓުން ސޫދާން އުނިކުރުމަށްފަހުގައި، އުތުރު ކޮރެއާއާއި، ވެނެޒުއެލާ އަދި ޗާޑު އިތުރު ކުރައްވާފައެވެ. އެެމެރިކާއިން ހޮނިހިރު ދުވަހު ވަނީ އުތުރު ކޮރެއާއަށް ބިރު ދެއްކުމުގެ ގޮތުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓް ތަކެއް އުތުރުކޮރެއާގެ އިރުމަތީ އައްސޭރިއާއި ގާތްކޮށްފައެވެ. އުތުރު ކޮރެއާއިން މިއަމަލު ސިފަކޮށްފައިވަނީ އެއީ އެމެރިކާއިން އެގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އަމަލީގޮތުން އުތުރު ކޮރެއާއިން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ