ކުއަޑް ގައުމުތަކުން ފިޖީގައި ބަނދަރެއް ބިނާކުރުމަށް އެއްބަސްވެއްޖެ

އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން އަދި އެމެރިކާގެ ޚާރިޖީ ވަޒީރުން ފިޖީގައި ގުޅިގެން ބަނދަރެއް ބިނާކުރުމަށް އެއްބަސްވެ، މުހިންމު މައުދަނުތަކާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި އެވެ. މި ފިޔަވަޅުތަކަކީ މި ހަތަރު ގައުމު ހިމެނޭ "ކުއަޑް" ގްރޫޕުގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.
އޮސްޓްރޭލިއާގެ ޕެނީ ވޮންގް، އިންޑިއާގެ އެސް ޖައިޝަންކަރު، ޖަޕާނުގެ ޓޮޝިމިޓްސޫ މޮޓޭގީ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބޭއްވެވި މި ކުރު ބައްދަލުވުމަކީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ކުއަޑްގެ ގައުމުތަކުގެ އިސް ޑިޕްލޮމޭޓުން ބޭއްވެވި މިފަދަ ތިންވަނަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި އެ ގްރޫޕުން ވަނީ ފުރަތަމަ ފަހަރަށް ގުޅިގެން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި، ފިޖީގައި ބަނދަރެއް ބިނާކުރުމުގެ މަޝްރޫއު އިއުލާންކޮށްފަ އެވެ.
"ޕެސިފިކް ޖަޒީރާ ގައުމުތަކުގެ ބަނދަރުތަކުގެ ޖާގަ މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، ބަނދަރުގެ އުމްރާނީ ތަރައްގީގެ ދާއިރާއިން އަޅުގަނޑުމެން ފިޖީއާއެކު މަސައްކަތް ކުރާނަން،" ރޫބިއޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އިސްނެގުމަކީ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް މި ހަތަރު ގައުމަށް ގުޅިގެން މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދޭ އަމަލީ މިސާލެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންޑޯ-ޕެސިފިކް ހަކަތައިގެ ރައްކާތެރިކަމާ ބެހޭ އިސްނެގުމަކާއި، މުހިންމު މައުދަނުތަކާ ބެހޭ އޮނިގަނޑެއް އެކުލަވާލުމަށް ވެސް މި ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
މި މައުދަނުތަކާ ބެހޭ އޮނިގަނޑުގެ ދަށުން، އިގްތިސާދީ ސިޔާސަތުތަކުގެ ބޭނުން ހިފައިގެން، މައުދަނުތައް ނެގުމާއި، ސާފުކުރުމާއި، އަދި އޭގެ ބޭނުން އަލުން ހިފުމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް ވިލަރެސްކޮށް، މައުދަނުތައް ފޯރުކޮށްދޭ ނިޒާމު ވަރުގަދަކުރާނެ ގޮތުގެ އިރުޝާދުތައް ކަނޑައެޅޭނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ.
ޑިޕްލޮމެޓިކް މައްސަލައަކާ ގުޅިގެން، ޖައްވީ ދާއިރާ އާއި، ދިފާއީ އަދި ސެމީކޮންޑަކްޓަރު އުފެއްދުމަށް ބޭނުންވާ ބައެއް މައުދަނުތައް ޗައިނާއިން ފޮނުވުން ހުއްޓާލާފައި ވާތީ، މި އިސްނެގުމަކީ ޖަޕާނަށް ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.
މީގެ ކުރިން ބޭއްވުނު ކުއަޑްގެ ބައްދަލުވުންތަކުގައި ވެސް ވަނީ، އެ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ކަންކަމުގެ މައުލޫމާތު އެއްކުރުން ހަރުދަނާކޮށް، އިންޑޯ-ޕެސިފިކް ސަރަހައްދުގައި "މިނިވަން އަދި ހުޅުވާލެވިފައިވާ ކަނޑުގެ ނިޒާމެއް" ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ނިންމާފަ އެވެ.
ކުއަޑްގައި ހިމެނޭ އިންޑިއާއިން ދަނީ ރައީސް ޓްރަމްޕް އިންޑިއާއަށް ޒިޔާރަތްކުރެއްވުމަށް ބާރު އަޅަމުންނެވެ. މި ޒިޔާރަތަކީ ކުއަޑްގެ ސަމިޓަކާ ގުޅުވައިގެން ކުރައްވާނެ ދަތުރުފުޅެއް ކަމަށް ބެލެވެ އެވެ. 
މި އަހަރުގެ ފަހުކޮޅު ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ރޫބިއޯ ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު ބައްދަލުވުމެއް ބޭއްވުމަށް ޑިޕްލޮމޭޓުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުއަޑްގެ ހަތަރު ގައުމަކީ ވެސް ޗައިނާގެ ބާރުގަދަވަމުންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކުރާ ގައުމުތަކެކެވެ. އިންޑިއާއާއެކު އޮތް ގުޅުން ވަރުގަދަކުރުމަށް ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހު އިންޑިއާއަށް ވަޑައިގެންނެވި ރޫބިއޯ ވަނީ، "މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް" ސަރަހައްދެއް ދެމެހެއްޓުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފަ އެވެ.
ޗައިނާއިން ވަނީ ކުއަޑްއަކީ އެ ގައުމުގެ ކުރިއެރުން ހުއްޓުވުމަށް އުފައްދާފައިވާ، ފިނި ހަނގުރާމައިގެ ޒަމާނުގެ ފިކުރެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ