އީރާނުގެ ދެކުނު ސަރަހައްދުގައި ހުރި މިސައިލް މަރުކަޒުތަކަށާއި މައިން ވަޅުލުމަށް މަސައްކަތް ކުރަމުންދިޔަ އުޅަނދުތަކަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ.
މީގެ މައިގަނޑު ބޭނުމަކީ އީރާނުގެ އަސްކަރީ ބާރުތަކުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުން އެމެރިކާގެ ސިފައިން ސަލާމަތްކޮށް ރައްކާތެރިކުރުން ކަމަށްވެސް ބުނެފައިވެ އެވެ.
ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ބުނީ ދެ ގައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި އެމެރިކާގެ އަސްކަރިއްޔާއިން ކެތްތެރިކަން އިސްކުރަމުންދާ ކަމަށާއި، ނަމަވެސް އެމެރިކާގެ ސިފައިންގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއްނެތި އަޅަމުންދާނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުގައި ބައެއް ކުރިއެރުންތައް ލިބިފައިވީ ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ދުވަހެއް އަދި ގާތްނުވާ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބާގާއީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މި ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރަން އުޅޭ ސުލްހައިގެ އެއްބަސްވުމަށް ކުރާނެ އަސަރެއް އަދި ސާފެއް ނުވެ އެވެ.
އީރާންގެ ދާހިލީ މަސްރަޙުގައި ވެސް ކުރިއެރުންތަކެއް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
މި ގޮތުން، 87 ދުވަހަށް ފަހު، މެދުކަނޑައިލާފައިވާ އިންޓަރނެޓުގެ ހިދުމަތް އަލުން ގުޅައިދިނުމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަމުރުކުރައްވާފައި ކަން ފާހަގަކުރެވެއެވެ.
ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަކީ ވެސް ތެހްރާންގެ ޝަރުޠެކެވެ. ނަމަވެސް، ސަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ވަނީ ލުބްނާނަށް ދެމުންދާ ޙަމަލާތައް ވަރުގަދަކުރަން ފަށާފައެވެ. ލުބްނާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ، މާރިޗު މަހަށްފަހު ޔަހޫދީ ސިފައިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 3,185 އަށް އުފުލިފައިވާ ކަމުގައެވެ.
އިރާނަށް އަނެއްކާވެސް އެމެރިކާގެ ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ