ޔާމީނާއި ޖަމީލަކީ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެބޭފުޅުން - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ހިމެނޭ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ، އެދެބޭފުޅުންގެ ސިޔާސީ ހަޔާތުގައި މިވީހާތަނަށް ރައްޔިތުންނަށް އިޚްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވާފައިވާ ދެބޭފުޅުންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރަސްމީ ލެޓާ ހެޑްގައި މިއަދު ރައީސް މައުމޫން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވާނެ ކެންޑިޑޭޓަކާއި ރަނިންމޭޓު އިހްތިޔާރުކުރައްވާއިރު ޕީޕީއެމްގެ ޓީމު އިހްތިޔާރުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދެއްވުމުގައި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ފަސޭހައަކަށް އަދި ހިތްހަމަޖެހުމަކަށްވާނެ އެއް ހަގީގަތަކީ، ޕީޕީއެމްގެ ޓިކެޓުގައި ހިމެނޭ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދަކީ، އެދެބޭފުޅުންގެ ސިޔާސީ ހަޔާތުގައި މިވީހާތަނަށް ރައްޔިތުންނަށް އިހްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވާފައިވާ ދެބޭފުޅުންކަމަށް ވާކަމެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން، އެދެބޭފުޅުންގެ ފަރާތްޕުޅުން ރައްޔިތުންނަށް އެއްވެސް ކަހަލަ ބުރައެއް، ތަކުލީފެއް އުފުއްލަވަން ޖެހިވަޑައިގެންފައި ނުވާކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ޔާމީނާއި ޖަމީލަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ސާފު، ދީނީ ގޮތުންނާއި އަހްލާގީ ގޮތުން އެއްވެސް ކިލަނބުކަމެއް ނެތް އަދި ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަންމަތީ ދެމިތިއްބެވި ދެބޭފުޅުން ކަމަށާއި އެއީ މިހާތަނަށް ހަވާލުވެވަޑައިގެން ކޮންމެ މަސްޢޫލިއްޔަތެއް ވެސް ނުހަނު ގާބިލުކަމާއި ޒިންމާދާރު ކަމާއެކު އަދާކުރައްވާފައިވާ ދެ ބޭފުޅުންކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"މިކަންކަން މިހެން ހުރުމާއެކު، މާތް ﷲ ގެ ވާގިފުޅާއި ތިޔަ ލޮބުވެތި ރައްޔިތުންގެ އިހްލާސްތެރި ތާޢީދާއި ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ޢަޒުމާއި ހިތްވަރާއެކު، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ހިމެނޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަމެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ