މެމްބަރު ވަޑައިނުގެންނެވުމުން ވަޒީރާ ސުވާލުކުރެއްވުން ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ވަޑައިނުގެންނެވުމުން ވަޒީރާ ސުވާލުކުރެއްވުން ކުރިއަށް ނުގެންދެވުނެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވައިފައި އޮތީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ކުރައްވާ ސުވާލެވެ. ވަޒީރާ ކުރެއްވުމަށް އެޖެންޑާ ކުރައްވައިފައިވަނީ ބ. ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށްވާއިރު އެމަސައްކަތްތައް ފެށޭނީ ކޮން ތާރީޚެއްގައިތޯ؟ އޮޅުން ފިލުއްވުމަށް ކުރައްވާ ސުވާލެވެ.
ޖަލްސާ ފެށުނުއިރު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އިންނެވީ ޖަލްސާއަށް ވަޑައިގެންނެވެ. ނަމަވެސް މެމްބަރު ވަޑައި ނުގެންނެވެމުން އެނަމްބަރ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ސުވާލުކުރެއްވަން ޖެހިވަޑައިގަންނަވާ މެމްބަރ ވަޑައިގެން ނެތުމުން އެ އަތޮޅުގެ އެހެން ދާއިރާއެއްގެ ނުވަތަ އެހެން މެމްބަރަކަށް އެސުވާލު ކުރެއްވުމަށް ފުރުޞަތު ދެއްވި ދާނެތޯ އަމީން އާއްމަށް ދެންނެވި ކަމަށާއި ނަމަވެސް އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް އަމީން އާންމު ވިދާޅުވެފައިވާކަމަށެވެ. އަދި ވަޒީރު ވަޑައިގެން ރައްޔިތުންނަށް މަޢުލޫމާތު ސާފުކޮށް ދެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ގެއްލިގެން ދިއުމުން ހިތާމަ ކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ