މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައިފި

މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދައަރައި މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އުދައެރުމުގެ ސަބަބުން މަގުތަކުގައި އުފެދިފައިވާ ބޮޑު ފެން ހިންދުމުގެ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ. އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ފެން ހިންދުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ މާލޭގެ ކާނިވަލް ސަރަހައްދުގައި ކަމަށެވެ.
ކާނިވާ ސަރަހައްދުގެ އިތުރުން ދާދިފަހުން ތާރުއަޅައި ނިންމާފައިވާ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުތަކަށް ވެސް ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށެވެ. އަދި މާފަންނު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށާއި، މޭރީ ބްރައުންއާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް އުދަ އަރާފައިވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރަށާއި ހިނގާބިނގާ އުޅޭ މީހުންނަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ. މި ދުވަސްވަރަކީ ސްކޫލް ބަންދު ނިމި، ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މެޓް އޮފީހުން އިތުރުން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ