އެމެރިކާގައި އޯޕަންއޭއައިއިން ޗެޓްޖީޕީޓީ ހެލްތު ލޯންޗްކޮށްފި
އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އޯޕަންއޭއައި އިން ޞިއްޙަތާ ގުޅޭ ސުވާލުތަކަށް ޚާއްޞަ ޖަވާބު ދިނުމަށް ތައްޔާރުކޮށްފައިވާ "ޗެޓްޖީޕީޓީ ހެލްތު" މިހާރު އެމެރިކާގައި އާންމުކޮށް ލޯންޗްކޮށްފިއެވެ. މިއީ މި އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ތަޢާރަފްކުރި ޚިދުމަތެއް ކަމަށް ވާއިރު، އޭރު މިއީ ވެއިޓްލިސްޓް މެދުވެރިކޮށް މަދު ބަޔަކަށް އެކަނި ލިބެން ހުރި އާލީ އެކްސެސް ޚިދުމަތެކެވެ. އޯޕަންއޭއައި އިން ބުނާ ގޮތުގައި ޗެޓްޖީޕީޓީ ހެލްތު މިހާރު އެމެރިކާގައި ލޮގިން ވެފައިވާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ ފްރީ އަދި ޕެއިޑް ޔޫޒަރުންނަށް ވެބް އަދި އައިއޯއެސް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. ނަމަވެސް، މި ޚިދުމަތަކީ ކޯޑެކްސް ގައި އަދި ލިބެން ނެތް ޚިދުމަތެއްކަން ކުންފުނިން ފާހަގަކުރެއެވެ. https://sun.mv/224456 މި ޚިދުމަތް މެދުވެރިކޮށް އާންމު ޞިއްޙީ ސުވާލުތައް ކުރުމަށް އެހެން އެޕެއް ކަނެކްޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، އިތުރަށް ޕާސަނަލައިޒްޑް އަދި މައުލޫމާތުގެ ފުރިހަމަ ކޮންޓެކްސްޓް ހުރި ޖަވާބެއް ބޭނުންނަމަ، އެޕަލް ހެލްތު އެޕް އަދި އެމެރިކާގެ ސަޕޯޓް ކުރާ ހޮސްޕިޓަލް ސިސްޓަމްތަކުގެ މެޑިކަލް ރެކޯޑްތައް ސެކިއުއާ ކޮށްގެން ކަނެކްޓް ކުރެވޭނެއެވެ. މީގެތެރޭގައި ވަން މެޑިކަލް އަދި ފަންކްޝަން ހެލްތު ފަދަ ސިސްޓަމްތައް ހިމެނެއެވެ. ޗެޓްޖީޕީޓީ ހެލްތު ބޭނުންކުރުމަށް ސައިޑްބާ ނުވަތަ "މޯ" މެނޫއިން ވަދެވޭނެއެވެ. ސިސްޓަމްތައް ކަނެކްޓް ކުރުމުން ޗެޓްޖީޕީޓީ ހެލްތު އަށް ޔޫޒަރުގެ ބޭސްތަކުގެ މައުލޫމާތާއި، ލެބް ނަތީޖާތަކާއި، ޑޮކްޓަރަށް ދައްކާފައިވާ ރެކޯޑްތަކުގެ އިތުރުން ނިދީގެ މައުލޫމާތު ފެންނަން ހުންނާނެއެވެ. އަދި އެ މައުލޫމާތުތަކަށް ބިނާކޮށް ޚާއްޞަ ޖަވާބުތައް ފޯރުކޮށްދޭނެއެވެ. މިސާލަކަށް، ރެސްޓޯރެންޓެއް ހޯދަން އެދުމުން ޔޫޒަރުގެ ކެއުމާގުޅޭ ހުރަސްތަކަށް ބަލައިގެން އިރުޝާދު ދޭނެއެވެ. އަދި އަނިޔާއެއް ލިބިފައިވާނަމަ، ވީކެންޑްގައި ކުރާނެ ހަރަކާތްތައް ރޭވުމުގައި ހަށިގަނޑަށް ބުރަ ބޮޑުނުވާނެ ކަންކަން ހުށަހަޅައިދޭނެއެވެ. މީގެއިތުރުން، ޔޫޒަރުންނަށް އަމިއްލަ ޞިއްޙީ މައުލޫމާތު މެނޭޖްކޮށް، ޑޭޓާ ޓްރެންޑްތައް ބަލައި، ކުރީގެ ޞިއްޙީ ވާހަކަތައް އަލުން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޯޕަންއޭއައި އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ނެރުނު ޖީޕީޓީ-5.6 ސޯލް މޮޑެލް ވަނީ "ހެލްތުބެންޗް ޕްރޮފެޝަނަލް" ޓެސްޓްގައި ޖީޕީޓީ-5.5 އިންސްޓަންޓް އަދި ޖީޕީޓީ-4އޯ އަށް ވުރެ މަތީ ނަތީޖާއެއް ހޯދާފައެވެ. މި ޓެސްޓަކީ ޞިއްޙީ ރިސްކް، ސަލާމަތްތެރިކަން، ކޮމިއުނިކޭޝަން އަދި ކޮންޓެކްސްޓް ދަނެގަތުން ފަދަ މުހިންމު ކަންކަން ވަޒަންކުރާ ޓެސްޓެކެވެ. ކޮންމެ ހަފްތާއަކު ޗެޓްޖީޕީޓީ އަށް 300 މިލިއަނަށް ވުރެ ގިނަ ޞިއްޙަތާ ގުޅޭ ސުވާލުތައް ލިބެމުންދާކަން އޯޕަންއޭއައި އިން ފާހަގަކުރެއެވެ. އާންމުން މި ޚިދުމަތް އެންމެ ގިނައިން ބޭނުންކުރަނީ ލެބް ނަތީޖާތައް ސާފުކޮށްދިނުމަށާއި، ޑޮކްޓަރަށް ދައްކަން ތައްޔާރުވުމަށާއި، ޑޮކްޓަރުން ދޭ އިރުޝާދުތަކުގެ މާނަ ދެނެގަތުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ