މާލޭ އުތުރު ފަރާތު މަގުން ބައެއް ފުޅާކޮށްލާ ތާރު އެޅުމަކީ މުއިއްޒު ވެރިކަމަށް އެރިފަހުން ބައެއްގެ ރުހުން ލިބޭގޮތަށް ކޮށްލެވުނު ހަމައެކަނި ކަންތަކެވެ. އެކަމަކު އެއީ ސަރުކާރެއްގެ ފެންވަރުގައި ކުރެވުނު ސުމެއްގެ ކަމެކެވެ. ސިޓީ ކައުންސިލުން ކޮށްއުޅޭ ޒާތުގެ ކަމެކެވެ. އެއްވެސް ކަމެއްނުވާ ވެރިއަކަށް އެއީވެސް ލައްކަވަރެކެވެ.
ހޭނުބަހައްޓާ މުއިއްޒުގެކުލީ ގަލަންތަކާއި ބޮޓުން އެކަން އިސްތިހާރުކޮށް ސޯޝަލް މީޑިއާ ތަގައްޔަރުކޮށްލުމުން މުއިއްޒަށް ދުނިޔެ ރަންވެއްޖެއެވެ. %70 މީހުން ނޫނެކޭ ބުނި ހަނދާން ނެތި އިހުގެ ބަލިގަނޑު އަނެއްކާވެސް ހިލުނީތާއެވެ. ކަމުން ރެކުމާއި އެހެން މީހުންގެ ބޮލަށް ކަންކަން ކެނޑުމުގެ އާދަ ކަށީގެ މަދުގައި ހިފާފައި ހުންނަ މީހަކަށް ބަލިގަނޑު ހިލުވާ ނުލައެއް ނުހުރެވޭނެއެވެ. އެގޮތުން މިއަދު އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ފެނިގެން އެދިޔައީ މުއިއްޒުގެ ހަގީގީ ސޫރައެވެ. މަވެތިކަން ހުރިވަރެވެ. ތިމާ ނޫން މީހަކީ މީހެއް ނޫންކަން ގަބޫލުކުރާ މިންވަރެވެ.
ރާއްޖޭގައި ބޭހުގެ ވިޔަފާރިކުރާ އެންމެންނަކީ މާފިޔާ ބައެއް ކަމުގައި ބުނެ މުއިއްޒު އިއުލާންކޮށްފިއެވެ. ބޭސްވިއްކާ އާއްމު ވިޔަފާރިވެރިންނަކީ ދައުލަތް ލޫޓުވާ ލުޓޭރުންގެ ގޮތުގައި ސިފަކޮށްފިއެވެ. ވެރިކަމަށް ތިން އަހަރުވާން ދާއިރު ރާއްޖޭން ބޭސް ލިބެން ނެތުމުގެ ޒިންމާ މުއިއްޒު އެއަޅުވަނީ ޒަމާނުއްސުރެ ބޭހުގެ ވިޔަފާރި ކުރަމުން އައި މީހުންގެ ބޮލުގައެވެ.
ކޮވިޑްގެ ދަތިހާލަތުގައި ވެސް އެސްޓީއޯ މެދުވެރިވެގެން ރާއްޖެ ބޭހަށް ޖެހުނަނުދީ އޮތީ ހިފަހައްޓާފައެވެ. އެކަމަކު މިވެރިކަމުގައި އާއްމު ހާލަތުގައި 3 އަހަރުވެގެން ދާއިރު މުއިއްޒަކަށް އެކަމެއް ނުވިއެވެ. މަސް ނުބޭވުނީ ކަނޑު ނުބައިކުރާ އުސޫލުން މުއިއްޒަށް ނުބައިވީ ބޭހުގެ ވިޔަފާރި ކުރާ މީހުންނެވެ. ވިޔަފާރިވެރިން ރުޅި މަޑެވެ. ދެ ޗަންޕާއަށް އިއްޒަތްދީގެން ވިޔަފާރިވެރިން ހިފަހައްޓާލެވޭނެ ކަމަށް ހީކުރަނީތާއެވެ.
ދައުލަތުން ގެއްލުނު ފައިސާ ހޯދާ ވާހަކަ ދައްކާތާވެސް 3 އަހަރުވަނީއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ދައުލަތަށް ލިބެންޖެހޭ އެއްޗެއް ހޯދާނަމޭ ކިޔަކިޔާ ހުއްޓާ ދައުރެއް ނިމިދަނީއެވެ. ކުރީ ސަރުކާރުތަކުގައި ތިބީ ހުސްވަގުންކަމަށް ސިފަކޮށްފައި ތިމާގެ ބޮލުން ނައްޓާލަން އުޅުނަސް އެހެން ހުރިހާ ސަރުކާރަކަށްވުރެ މުއިއްޒު ސަރުކާރު މާ ވަގުކަމަށް މީހުން ދެކެއެވެ. ތިމާމެން ކުރާ ވައްކަން ފޮރުވަން އެހެން މީހުނަށް ވަގަށް ގޮތްވަކަސް ސަލާމަތެއް ނުވާނެއެވެ.
މުއިއްޒު ދެކޭ ގޮތުގައި ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާ ވެސް ވާންޖެހޭނީ މުއިއްޒުގެ ގޮޑިކޮއްކޮއިންނަށެވެ. މުއިއްޒު ހުއްޓާނުލާ ހިންގާހާ ޖަރީމާތައް ފޮރުވާ މަތިއަޅާދޭން ނޫޅޭ އެންމެންނަކީ ސަރުކާރާ ދެކޮޅު ބައެއްކަމަށް މުއިއްޒު ސިފަކުރެއެވެ. މިހާތަނަށް ބަދެނުލެވިހުރި އިންފޮމޭޝަން ކޮމިޝަނަރު މިހާރު އެހުރީ މުއިއްޒުގެ ޓާގެޓްގައެވެ. ދުއްވާލަން ދެން މާ ގިނަ ދުވަހެއް ނުވާނެއެވެ. ޖަވާބުދާރީ ވުމަކީ މުއިއްޒު ދަންނަކަމެއް ނޫނެވެ. އެހެން ނޫނަސް މުޅި ދައުލަތަކީ މުއިއްޒުގެ މިލްކަށް ވީމާ މުއިއްޒު ޖަވާބުދާރީ ވާންޖެހޭ މީހަކު ހުރެގެން ނުވާނެތާއެވެ.
މާތްކަލާކޯއެވެ. މިނިވަން ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މިނިވަން ޖަލްސާގައި މުއިއްޒުގެ ހުދުމުހުތާރުކަމާއި މުޑުދާރުކަން އެނގޭވަރަށް 113 ގައުމުގެ ސަފީރުންގެ ކުރިމަތީގައި އަމިއްލައަށް ބަރަހަނާވީއެވެ. ހިތުން މާމޮޅު ސްޕީޗެއް ދެވުނޭ ހީވިޔަސް މިއަދު އިވުނިއްޔަކީ ގައުމެއްގެ ވެރިއެއްގެ ފަރާތުން އިވެންވާވަރުގެ ވާހަކަ ތަކެއް ނޫނެވެ. ހަރުގެ ޖަލްސާއަކަށްވެސް ކަމުނުދެއެވެ.
ވާނީ އެހެންތާއެވެ. ވެރިމީހާ ޑިކްޓޭޓަރަކަށް ބަދަލުވަމުން ދާވަރަކަށް މަވެތިކަން ފާޅުވާނެއެވެ. ބޭރުގެ އަޅުވެތިކަމެއް ނެތަސް ރާއްޖެ ދަނީ ފަތުއަޑުކިޔާފާ އަޅުވެތިކަމާ ދިމާލަށެވެ. ހިޓްލަރާއި އިޑީ އަމީނާއި މުގާބޭ ފަދަ ޑިކްޓޭޓަރުން އެމީހުން ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުން ވެސް އަޅުވެތިކުރިއެވެ. އެގައުމުތައް އަޅުވެތިކުރީ ބޭރުގެ ބާރުތަކަކުން ނޫނެވެ. އެ ގައުމުތައް އަޅުވެތިކުރީ އެ މީހުންގެ ތެރެއިން އައި ޖައްބާރު އެ ވެރިންނެވެ. ރާއްޖޭގެ މިސްރާބުވެސް ހުރީ އެދިމާލަށެވެ. އެކީ އެކައްޗަކަށް މުއިއްޒު އަޅުވެތި ނުވަނީސް ރާއްޖޭގައި ކުރަފި ހަރަކާތެއް ނަމަވެސް ފެށެން ޖެހެއެވެ.
މުއިއްޒުގެ ޑިކްޓޭޓަރޝިޕް | އަޅުވެތިކަމުގެ ހިރާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ