ބޭހުގެ ދަތިކަން ބަޔަކު އުފެއްދީ ގަސްތުގައި، އެކަން ހައްލުކޮށްދޭނަން: ރައީސް

ރާއްޖޭގައި އުފެދިފައިވާ ބޭހުގެ ދަތިކަމުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ހައްލުކޮށްދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖެއަށް ބޭސް ގެނެސް ދެހާސް އިންސައްތަ ފައިދާ ލައިގެން ވިއްކަމުން ދިޔަ ކަމަށެވެ. އެއާއެކު އާސަންދައިން އެ ބޭސް ގަތުމަށް ކޮންމެ އަހަރަކު ވަރަށް ބޮޑު އަދަދެއް ހޭދަކުރަމުން އައި ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން އާސަންދައިން ބޭސް ގަންނާނެ އެންމެ ބޮޑު އަގު ކަނޑައެޅިއެވެ. އެ ސިޔާސަތަު ތަންފީޒުކުރަން ފެށުމުގެ ސަބަބުން ރައްޔިތުންގެ ފައިސާއިން އަހަރެއްގެ ތެރޭގައި 500 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ސަލާމަތްކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ވޭސްޓޭޖު، މި ލީކޭޖު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ، 500 އެތައް މިލިއަން ރުފިޔާއެއް އޭގެ ސަބަބުން ސަލާމަތް ކުރެވޭ ކޮންމެ އަހަރަކު. އޭގެ ރިޕަކަޝެނެއްގެ ގޮތުން ގަސްތުގައި ރައްޔިތުންނަށް ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ކަންތައްތަކުން ބޭހުގެ ދަތިކަން އައީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާސަންދައިގެ ތެރެއިން ބައެއް ބޭސް ކުންފުނިތަކުން 2,000 ޕަސެންޓަށްވުރެ ބޮޑު ފައިދާއެއް ނަގަމުން ދިޔަ ކަމަށެވެ. އެ ވޭސްޓޭޖާއި ލީކޭޖު ނިމުމަކަށް ގެންދިޔަ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އޭގެ ނުރައްކާތެރި ނަތީޖާއެއްގެ ގޮތުގައި، އެ ފަރާތްތަކުން ރައްޔިތުންނަށް ދަތިކުރަން ކުރި ކަންތައްތަކުގެ ސަބަބުން މިހާރު ބޭހުގެ ދަތިކަން އުފެދިފައިވާ ކަމަށް ރައީސް ބުނެވުނެވެ.
ރާއްޖޭގައި ބޭހުގެ ދާއިރާގައި މާފިއާއެއް އޮތް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން އާސަންދައިން ބޭކާރުވަމުން ދާ ފައިސާ މަދުކުރުމަށް ފިޔަވަޅު އަޅަން ފެށުމުން، އެ ބަދަލުހިފުމަށް ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބައެއް ކަންކަން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތިކަން ނިމުމަކަށް ގެންދިއުމަށްޓަކައި ސަރުކާރުން "ސްޓޭޓް ފާމާ" ކުންފުންޏެއް އުފައްދަވާފައިވެއެވެ. އެ ކުންފުނިން މިހާރު ކުރަމުން ދާ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި މައްސަލަ ހައްލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ