މާލެއަށް އުދަ އަރައި ގެއްލުން ވެއްޖެ

މާލޭގެ އެކި ހިސާބުތަކަށް މިއަދު އުދަ އަރައި ގެއްލުންވެއްޖެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އުދަ އަރައި، ފެން ބޮޑުވާތީ ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އުދަ އަރާއިރު އާންމުކޮށް އެންމެ ބޮޑަށް އަރާ ރާޅުގަނޑު ސަރަހައްދަށް ގަލާއި ވެއްޔާ އެކު ލޮނުގަނޑު އަރާފައި ވާއިރު އެންމެ ބޮޑަށް ރާޅު އެރި އެއް ސަރަހައްދަކީ އިންޑަސްޓްރިއަލް ވިލެޖެވެ. އެ ތަނަށް އެރި ރާޅުތަކާ އެކު ސައިކަލްތައް ވެއްޓި ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވެ އެވެ. 
އޭގެ އިތުރުން ތާރު އަޅައިގެން އަލަށް ހެދި ބޮޑުތަކުރުފާނު މަގުގެ ބައެއް ދިމަދިމާލުން ވެސް ރާޅު އަރައި މަގުމައްޗަށް ގަލާއި ވެލިތައް ފެތުރިގެން ގޮސް ހުއްޓެވެ. 
މިއަދު އުދަ އަރާފައި ވަނީ މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު ވަގުތު އެވެ. މިއަދު އެންމެ ދިޔަވަރު ބޮޑުވީ 11:53 ގަ އެވެ. އެއީ 0.74 މީޓަރަށެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނަ ވަގުތު ކަމަށްވާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ހުންނާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކަ އެވެ. 
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދުގައި މި ދުވަސްވަރު ރާޅުގެ އުސްމިން 2-4 ފޫޓު އުސްމިނުގައި ހުންނާނެ އެވެ. މިއަދު އެވްރެޖްކޮށް ވައި ޖެހުނީ ހުޅަނގު ހުޅަނގު އުތުރުން ގަޑިއަކު 5-15 މޭލު ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 
މިއަދު މާލެ ސަރަހައްދަށް ބަނަކޮށް އޮތް ނަމަވެސް އުދަ އެރި ވަގުތަކީ އާދަޔާ ހިލާފަށް ގަދަވި ވަގުތެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ