އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ޕްރޯ އިސްރާއީލް ފޮރިން ޕޮލިސީ ތަންފީޒުކުރި: ރައީސް

އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ތަންފީޒުކޮށްފައިވަނީ އިސްރާއީލަށް ތާއީދުކުރާ ޚާރިޖީ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ފަހަރުމަތިން އައި ވެރިކަންތަކުގައި ތަފާތު ޚާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާ ކަމަށާއި، އެމްޑީޕީގެ ވެރިކަންތަކުގައި އިސްރާއީލަށް ތާއީދުކުރާ ސިޔާސަތެއް ގެންގުޅެފައިވާ ކަމީ މިއަދު ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"އެމްޑީޕީން މި ގައުމުގައި ވެރިކަން ކުރި ހަމަ ކޮންމެ ފަހަރަކު ވެސް ޕްރޯ އިސްރާއީލް ފޮރިން ޕޮލިސީ އެއް މިތާ ތަންފީޒުކޮށްފައިވޭ،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމަކާ އެކު ވެސް ގުޅުން ބޭއްވޭނެ ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ގަތުލުކުރަމުންދާ އިސްރާއީލާއި އެކު އެފަދަ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިންމާފައިވާ ނިންމެވުން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ