ކަރަންޓް ދިނުމަށް މަގުކޮންނަން ރޯޑްކޯޕަރޭޝަނާ ހަވާލުކޮށްފި

ކަރަންޓުގެ ހިދުމަތް ދިނުމަށް މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހަމަޖައްސައިފި އެވެ. ހައުސިން މިނިސްޓްރީ އިން ހަވާލު ކުރާ ފަރާތްތަކެއް މެދުވެރިކޮށް ނޫނީ މާލޭގެ މަގުތައް ކޮނެ ގާއެތުރުމުގެ މަސައްކަތް ނުކުރެވޭ ގޮތަށް ވަނީ ނިންމާފަ އެވެ. ސްޓެލްކޯ އިން ބުނީ އެ ބަދަލާ އެކު ކަރަންޓުގެ ހިދުމަތާ ގުޅިގެން އެކުންފުނިން ކުރަމުން އައި ކޮނުމުގެ ހުރިހާ މަސައްކަތެއް ދެން ކުރަމުން ގެންދާނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށެވެ. ހައުސިން މިނިސްޓްރީ އިން ބުނީ އެކި ފަރާތްތަކުން އެކި ބޭނުންތަކަށް މަގުތައް ކޮނެ ގާއަތުރުމުގެ މަސައްކަތް ކުރަމުންދާ އިރު މަގުތައް ވަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށާއި އެހެންކަމުން މަގު ކޮނުމާއި ގާ އެތުރުމުގެ މަސައްކަތް އެ މިމިނިސްޓްރީ އިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށްގެން ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މާލޭގެ އެކިމަގުތަކުގައި "އެގޮތް މިގޮތަށް" ގާ އަތުރާފައި ހުރުމުގެ ސަބަބުން ދުއްވައި އުޅުމަށާއި ހިނގާ ބިނގާވެ އުޅުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ