މިއަހަރު ވެސް އެންމެ ކާމިޔާބު ސްކޫލަކަށް ގޮއިދޫ ސްކޫލް

މިއަހަރު ވެސް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލުގެ ޝަރަފު ބ. ގޮއީދޫ ސްކޫލުން ހޯދައިފިއެވެ. ގޮއިދޫ ސްކޫލުން ވަނީ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ދެ ފައިނަލެއް ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ. މިއަހަރު ގޮއިދޫ ސްކޫލުން 16 އަހަރުންދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ވަނީ ހޯދައިފައެވެ. މިދިޔަ އަހަރު ގޮއިދޫ ސްކޫލުން 14 އަހަރުންދަށުގެ އަންހެން ބައި އަދި 16 އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދިއިރު، 16 އަހަރުންދަށުގެ ފިރިހެން ބައިގެ ރަނަރަޕްކަން ހޯދިއެވެ. މިއަހަރުގެ މުބާރާތުގެ 16 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލުން ހޯދީ ފައިނަލުގައި މާފުށީ ސްކޫލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް ގޮއިދޫ ސްކޫލުން ގެންދިޔައީ 25-15، 25-21 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ސްކޫލްގެ ޝިރުހާން އަލީއެވެ. މުބާރާތުގެ 16 އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލުން ހޯދީ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް ގޮއިދޫ ސްކޫލުން ގެންދިޔައީ 14-25، 25-16، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ސްކޫލްގެ އައިމިނަތު އަފާފް ނިޒާމްއެވެ. ފިރިހެން 14 އަހަރުންދަށް: ޗެމްޕިއަން- ތާޖުއްދީން ސްކޫލް، ރަނަރަޕް- މުހިއްދީން ސްކޫލް. އަންހެން 14 އަހަރުންދަށް: ޗެމްޕިއަން- މުހިއްދީން ސްކޫލް، ރަނަރަޕް- ތާޖުއްދީން ސްކޫލް. ފިރިހެން 16 އަހަރުންދަށް: ޗެމްޕިއަން- ބ. ގޮއިދޫ ސްކޫލް، ރަނަރަޕް- މާފުށީ ސްކޫލް. އަންހެން 16 އަހަރުންދަށް: ޗެމްޕިއަން- ބ. ގޮއިދޫ ސްކޫލް، ރަނަރަޕް- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް. ފިރިހެން 19 އަހަރުންދަށް: ޗެމްޕިއަން- ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ރަނަރަޕް- ފ. އަތޮޅު މަދަރުސާ. އަންހެން 19 އަހަރުންދަށް: ޗެމްޕިއަން- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ރަނަރަޕް- ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ).
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ