އިންޓަ ސްކޫލް އަދި ކޮލެޖް ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމު ބައިވެރިވެއްޖެ

އިންޓަ ސްކޫލް އަދި ކޮލެޖް ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމަކުން ބައިވެރިވެއްޖެއެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި 17 ސްކޫލަކުންނާއި ފަސް ކޮލެޖަކުން ބައިވެރިވެފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މައުލޫމާތުދެއެވެ. ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، އެ މުބާރާތުގައި 408 ވޮލީބޯޅަ ކުޅުންތެރިން ވާދަކުރާނެ ކަމަށާއި އެއީ މިހާތަނަށް އެންމެ ގިނަ އެތުލީޓުން ކުޅޭ ވޮލީ މުބާރާތަށް ވާނެ ކަމަށެވެ. އިންޓަ ސްކޫލް މުބާރާތުގައި ކުރިއަށްދާނީ 14 އަހަރުންދަށުގެ އުމުރުފުރާއާއި، 16 އަހަރުންދަށުގެ އުމުރުފުރާ އަދި 19 އަހަރުންދަށުގެ އުމުރުފުރާއެވެ. އޭގެ ތެރެއިން 19 އަހަރުންދަށުގެ އުމުރުފުރާގައި ހަމައެކަނި ފިރިހެން ބައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެހެން ހުރިހާ އުމުރުފުރާއެއްގައި ވެސް ފިރިހެން އަދި އަންހެން ބައި ކުރިއަށްދާނެއެވެ. އިންޓަ ކޮލެޖް މުބާރާތުގައި އަންހެން އަދި ފިރިހެން ބައި ވެސް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވި ސްކޫލްތައް: ކަލާފާނު ސްކޫލް. ތާޖުއްދީން ސްކޫލް. މުހިއްދީން ސްކޫލް. އިމާދުއްދީން ސްކޫލް. އަމީނިއްޔާ ސްކޫލް. ދަރުމަވަންތަ ސްކޫލް. މަޖީދިއްޔާ ސްކޫލް. ބ. ގޮއިދޫ ސްކޫލް. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް. މާފުށި ސްކޫލް. ފ. އަތޮޅު ސްކޫލް. ވިލުފުށި ސްކޫލް. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް. މަޑިފުށި ސްކޫލް. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ). އަލިފުށި ސްކޫލް. މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލް. މުބާރާތުގައި ބައިވެރިވި ކޮލެޖްތައް: އެވިޑް ކޮލެޖް. ވިލާ ކޮލެޖް. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ. ސައިރިކްސް ކޮލެޖް. މައި ކޮލެޖް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ