އިނގިރޭސިވިލާތުގެ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ އީސްޓްއެންޑާސްގެ ބައެއް ބައިތަކުންނާއި ޖޭސަން ސްޓޭތަމްގެ ފިލްމަކުން ފެނިގެން ގޮސްފައިވާ އެކްޓްރެސްއަކު ގާތްގަނޑަކަށް 300 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (208 އެމެރިކާ ޑޮލަރު) ގެ މަސްތުވާތަކެތި އެ ގައުމަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލައިފި އެވެ.
އުމުރުން 34 އަހަރުގެ އީމާ ހުސައިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހުޅަނގު އެފްރިކާގެ ގާނާއިން އޮސްޓްރޭލިއާއަށް 320 ކިލޯގެ މެތައެމްފަޓަމީން އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާ ބުރާސްފަތި ދުވަހު ސިޑްނީގެ ކޯޓަކަށް ހާޒިރުކޮށްފައި ވާއިރު، މި ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އީމާ ހުސައިން މި ތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ކަނޑުމަގުން އައި ކޮންޓޭނަރުތަކެއްގައި ހުރި ދަރު ބަސްތާތަކެއްގެ ތެރޭގައި ފޮރުވައިގެންނެވެ. މި ތަކެތީގެ ބާޒާރުގެ އަގު 296 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހު ސިޑްނީގެ ބޮޓަނީ ބަނދަރަށް ގާނާއިން އައި ދެ ކޮންޓޭނަރެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ބޯޑަރު ކޮންޓްރޯލް އޮފިސަރުން އެ ކޮންޓޭނަރުތައް އެކްސް-ރޭ ކުރިއިރު، ދަރު ބަސްތާތަކުގެ ތެރޭގައި ކްރިސްޓަލް ސިފައަށް ހުރި މާއްދާއެއް ހުރިކަން ފާހަގަކުރެވުނެވެ. އިތުރަށް ކުރި ތަހުގީގުތަކުން އެއީ މެތައެމްފަޓަމީންކަން ކަށަވަރުވި އެވެ.
ފުލުހުން ވަނީ އެ ތަކެތި ކޮންޓޭނަރުން ނެގުމަށްފަހު، އެ ތަކެތި ފޮނުވަން ހަމަޖެހިފައިވާ ގުދަނަށް ފޮނުވައި، އެ ތަނަށް ވާނުވާ ބަލަން ފާރަލާފައެވެ. ފުލުހުން ބުނާ ގޮތުގައި އީމާ ހުސައިން އެ ގުދަނަށް ގޮސް، ބައެއް ފިރިހެނުން ލައްވައި އެ ބަސްތާތައް ކޮންޓޭނަރުން ބާލުވައި ކާރަކަށް އެރުވުމުގެ މަސައްކަތް ސުޕަވައިޒް ކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އެ ތަކެތި ހިފައިގެން ބްލެކްޓައުންގައި ހުރި ގެއަކަށް ދިޔަ މަގުމަތީގައެވެ.
މި މައްސަލައިގައި އީމާގެ އިތުރުން ސައުތު އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެމަފިރިއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ވަގު ލިޔުންތައް ބޭނުންކޮށްގެން، މި ތަކެތި ބަހައްޓާނެ ގުދަންތައް ކުއްޔަށް ހިފި ކަމުގެ ތުހުމަތެވެ.
އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުންގެ ޑިޓެކްޓިވް އެކްޓިން ސުޕްރިންޓެންޑެންޓް ޓްރެވަރ ރޮބިންސަން ވިދާޅުވީ، މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ސަބަބުން ތިން މިލިއަނަށްވުރެ ގިނަ މަސްތުވާތަކެތީގެ މުއާމަލާތް މަގުމަތީގައި ހިންގުން ހުއްޓުވުނު ކަމަށެވެ. އަދި ކުށްވެރިން ކިތަންމެ މޮޅަށް ތަކެތި ފޮރުވަން މަސައްކަތް ކުރި ނަމަވެސް، އެކަން ދެނެގަތުމުގެ ގާބިލުކަން އޮފިސަރުންގެ ކިބައިގައި ހުރިކަން ބޯޑަރު ފޯސްގެ ސުޕްރިންޓެންޑެންޓް ޖެރެޑް ލެއިޓަން ފާހަގަކުރެއްވިއެވެ.
އީމާ ހުސައިންއަކީ 2010 ވަނަ އަހަރު ދެއްކި އީސްޓްއެންޑާސް އީޓުވެންޓީގައި ނާޒްގެ ކެރެކްޓާ ކުޅުނު ބަތަލާއެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ނުކުތް ހަމިންގްބާޑް ނަމަކަށް ކިޔާ ފިލްމުގައިވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ކޯޓުން ކުރިން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އިންކާރުކޮށްފައެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އޮގަސްޓް މަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އޮސްޓްރޭލިއާ އަށް 200 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އެތެރެކުރި އިނގިރޭސި އެކްޓްރެސްއަކަށް ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ