އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުމަށް ނިންމި ނިންމުން ކޯޓުން ދަމަހައްޓައިފި

އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ކުދިން ހޮވުމަށް ބާއްވާ ގައުމީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވި މައްސަލައާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ޓެލެގްރާމް ބްލޮކްކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް އެ ކުންފުނިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ނިއުދިއްލީގެ ހައިކޯޓުން ހުކުރު ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށްޓަކައި ސަރުކާރުން އެޅި އެ ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ އަދި އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ޓެލެގްރާމް ބޭނުންކުރުން މަނާކުރުމާ ގުޅިގެން އިންޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ސަރުކާރަށް ބޭނުން ކޮންމެ ވަގުތެއްގައި މުއާސަލާތީ މަންސަތައް ހުއްޓުވުމަށް ލިބުނު ނުރައްކާތެރި ބާރެކެވެ.
ނަމަވެސް ފަނޑިޔާރު ތޭޖަސް ކާރިއާގެ ހުކުމުގައި ވިދާޅުވީ އާންމުންނަށް ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމުގެ އަމުރު ނެރުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.
އިންޑިއާ ސަރުކާރުން މި ފިޔަވަޅު އެޅީ މެޑިކަލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވި ކަމުގެ ތުހުމަތުތަކާ އެކު މިދިޔަ މަހު ބޭއްވި އިމްތިހާނުގެ ނަތީޖާ ބާތިލުކުރުމާ ގުޅިގެންނެވެ.
ސަރުކާރުން ކޯޓުގައި ބުނެފައިވަނީ ޓެލެގްރާމަކީ އެހެން އެޕްލިކޭޝަންތަކާ ހިލާފަށް ކާކުކަން ނޭނގޭ ގޮތަށް މުއާސަލާތު ކުރުމުގެ ފުރުސަތު ބޮޑު ތަނެއް ކަމަށެވެ. އަދި ބްލޮކްކުރާ ޗެނަލްތައް ފަސޭހައިން އަލުން ހެދުމާއި ފޯނު ނަންބަރު ފޮރުވައިގެން މުއާމަލާތް ކުރެވޭތީ މިއީ ގާނޫނު ތަންފީޒުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ސަރުކާރުން ފާހަގަކުރިއެވެ.
ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޯވް ވަނީ މި ނިންމުމަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އަދަބު ލިބެނީ އެޕްލިކޭޝަން ބޭނުންކުރާ އާންމު ރައްޔިތުންނަށެވެ. އަދި އިމްތިހާނުގެ ކަރުދާސްތައް ލީކުކުރާ ފަރާތްތައް މިހާރު އެހެން ވަސީލަތްތަކަށް ބަދަލުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންޑިއާއަކީ 150 މިލިއަނަށް ވުރެ ގިނަ މީހުން ޓެލެގްރާމް ބޭނުންކުރާ، އެ ކުންފުނީގެ އެންމެ ބޮޑު މާކެޓެވެ.
މި މައްސަލައިގައި ޓެލެގްރާމުން ކޯޓުގައި ބުނެފައިވަނީ އިމްތިހާނާ ގުޅުންހުރި ގާނޫނާ ހިލާފު 900 އަށްވުރެ ގިނަ ލިންކް އެ ކުންފުނިން އަމިއްލައަށް ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އެ ކުންފުނިން ތުހުމަތުކުރެއެވެ. ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިއީ އިންޓަނެޓްގެ މިނިވަންކަމަށް އޮތް ބޮޑު ބިރެކެވެ.
މި ވަގުތީ މަނާކުރުމާ އެކު އިންޑިއާގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި ގޫގުލް އަދި އެޕަލް ފަދަ ކުންފުނިތަކުން ވަނީ އެ ގައުމުގެ އެޕް ސްޓޯރުތަކުން ޓެލެގްރާމް އުނިކޮށްފަ އެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާއި ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުންޏަކާ ދެމެދު މި އަހަރު ހިނގި އެންމެ ވަރުގަދަ ގާނޫނީ ކުރިމަތިލުމެވެ. މީގެ ކުރިން އެކްސް ނުވަތަ ޓުވިޓާއާ އެކު ވެސް އިންޑިއާ ސަރުކާރުން ވަނީ މިފަދަ ގާނޫނީ ހަނގުރާމައެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ