އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޮޓޯއެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާދޭސްކުރެއްވި ކަމަށް ބުނެ ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުމުގައި ނިޖެހުމެއް އުފެދިއްޖެ އެވެ.
ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގެ ހަވާސާގައި ހިނގި ކަމަށް ބުނާ މި ހާދިސާއާ ގުޅިގެން މެލޯނީ ވިދާޅުވީ ޓްރަމްޕް ހެއްދެވީ މުޅިން އިތުރުފުޅެއް ކަމަށާއި އެކަމާ އިންތިހާއަށް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލަ ހޫނުވެފައިވަނީ އިޓަލީގެ ޓީވީ ޗެނަލެއް ކަމަށްވާ އެލްއޭ7 އަށް ޓްރަމްޕް ދެއްވި ފޯނު އިންޓަވިއުއެއްގައި، މެލޯނީ އޭނާއާ އެކު ފޮޓޯއެއް ނެގުމަށް އާދޭސްކުރެއްވި ކަމަށާއި އެކަމާ ހަމްދަރުދީވެވަޑައިގެން ފޮޓޯއަށް ފުރުސަތު ދެއްވީ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން މެލޯނީ ވިދާޅުވީ ޓްރަމްޕް މިފަދަ ގޮތަކަށް ވާހަކ ދެއްކެވީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިޓަލީއަކީ ނުވަތަ އޭނާއަކީ ވެސް ދުވަހަކުވެސް ކަމަކަށް އެދި އާދޭސްކުރާނެ ބައެއް ނޫންކަން ޓްރަމްޕް ހަނދާން ބަހައްޓަވަންޖެހޭނެ ކަމަށް މެލޯނީ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވަނީ އަންނަ ހަފުތާގައި އެމެރިކާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރައްވާފަ އެވެ. މީގެ އިތުރުން އިޓަލީގެ ސިޔާސީ މަސްރަހުގެ ހުރިހާ ފަރާތްތަކަކުން ދަނީ މެލޯނީގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ މެލޯނީއަށް ފޯނުން ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އިދިކޮޅު ލީޑަރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް ބުނަމުންދަނީ އިޓަލީގެ ބޮޑުވަޒީރާ މެދު އެފަދަ ބޮޑާ ގޮތަކަށް ވާހަކަދެއްކުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ.
މެލޯނީ އާއި ޓްރަމްޕާ ދެމެދު އޮތް ގާތް ގުޅުން ހީނަރުވާން ފެށީ އިރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާ މެލޯނީ ދެކޮޅު ހެއްދެވި ހިސާބުންނެވެ.
ފޮޓޯއެއް ނަގަން އާދޭސްކުރި ކަމަށް ބުނެ ޓްރަމްޕް ހެއްދެވީ ދޮގު: މެލޯނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ