ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަކީ ހަމައެކަނި މޮޅެތި ކުޅުންތެރިންނަށް އޮތް ކުޅިވަރެއް ނޫނެވެ. އުމުރާއި ތަޖުރިބާއަށް ބެލުމެއްނެތި، އާންމު ދިރިއުޅުމުގައި ކަސްރަތެއްގެ ގޮތުގައި ފުޓުބޯޅަ ކުޅުމަކީ އިންސާނާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ނުހަނު ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ބިލިއަނެއްހާ މީހުން މި ކުޅިވަރުގައި ބައިވެރިވާއިރު، މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު ތިން ބާވަތެއްގެ ކަސްރަތު އެކުލެވިގެންވާ ކުޅިވަރެކެވެ.
ފުޓުބޯޅަ ކުޅުމުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުވެ، ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، މުނިފޫހިފިލުވުމުގެ ގޮތުން ކުޅޭ ފުޓުބޯޅަ މެޗަކީ ވެސް ވަރަށް ވަރުގަދަ ކަސްރަތެކެވެ. މިއީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، ބޭކާރު ސަރުބީ ވިރުވައިލުމަށް އެހީތެރިވެދޭ ކަމެކެވެ. ހާއްސަކޮށް ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ވަށައިގެން ހުންނަ ނުރައްކާތެރި ސަރުބީ މަދުކުރުމަށް މިއީ ވަރަށް ފައިދާހުރި ކުޅިވަރެކެވެ.
ކަށީގެ ވަރުގަދަކަމަށް ބަލާއިރު، ފުޓުބޯޅަ ކުޅުމުގެ ތެރޭގައި ކުރަންޖެހޭ ހަރަކާތްތަކުގެ ސަބަބުން ކަށި ވަރުގަދަވެއެވެ. މީގެ އިތުރުން މިއީ މުޅި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދޭ ފުރިހަމަ ކަސްރަތެކެވެ. ހާއްސަކޮށް ފައިގެ މަސްތަކާއި، ބަނޑުގެ މަސްތަކުގެ އިތުރުން ދުވުމާއި ފުންމުމުގެ ތެރޭގައި ހަށިގަނޑުގެ މަތީބައިގެ މަސްތަކަށް ވެސް މީގެ ސަބަބުން ބާރު ލިބިގެންދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު، ޓީމެއްގެ ގޮތުގައި ކުޅޭ ކުޅިވަރުތަކުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ކުޑަވާކަން ދިރާސާތަކުން ދައްކައެވެ. ފުޓުބޯޅަ ކުޅުމުގެ ތެރޭގައި ސިކުނޑިން އުފައްދާ މާއްދާތަކުގެ ސަބަބުން އިންސާނާގެ މޫޑު ރަނގަޅުވެ، އުފާވެރިކަން އިހުސާސްކޮށްދެއެވެ. ހަމައެހެންމެ، މިއީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، ކަންކަމަށް ސަމާލުކަން ދިނުމާއި އަވަސް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ.
ފުޓުބޯޅައަކީ ފެށުމަށް ވަރަށް ފަސޭހަ ކުޅިވަރެކެވެ. މިއީ މާ ގިނަ ސާމާނުތަކެއް ބޭނުންވާ ކަމެއް ނޫނެވެ. ބޯޅައެއް އޮތް ނަމަ ކޮންމެ ތަނެއްގައި ވެސް މި ކުޅިވަރު ކުޅެވިދާނެ އެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ކަސްރަތު ނުކޮށް ހުރެފައި ކުޅެން ފަށާއިރު ސަމާލުވާންޖެހެ އެވެ. ހާއްސަކޮށް އުމުރުން 30 އަހަރުން މަތީގެ މީހުން ކުޅެން ފެށުމުގެ ކުރިން ހަށިގަނޑު ތައްޔާރުކުރުމާއި، ކުޅެން ފެށުމުގެ ކުރިން ވޯމްއަޕް ހެދުމަކީ އަނިޔާއިން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި މިއަދުވެސް ފުޓުބޯޅަ ކުޅެން ފެށިދާނެ އެވެ. މިއީ ހަމައެކަނި ކުޅިވަރެއް ނޫނެވެ، މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މައުލޫމާތު: ހެލްތުލައިން
ފުޓުބޯޅަ: ހަމައެކަނި ކުޅިވަރެއް ނޫން، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އޮތް ފުރިހަމަ ފަރުވާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ