ވޯލްޑްކަޕް ވޯލްޑްކަޕް ފުރަތަމަ ހާފުގެ ގޯލުތަކުން ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގައި ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން ހެއިޓީ 3-0 އިން ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އެމެރިކާގެ ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑުގައި މިއަދު ކުޅުނު މެޗަށް ބެރެޒިލުން ނުކުތީ، ވޯލްޑް ކަޕުގެ ފެށުން ދަށްކޮށް ގޮސް މޮރޮކޯއާ ދެކޮޅަށް 1-1 އިން އެއްވަރުވުމުން ކޮންމެހެން މޮޅެއް ބޭނުންވެގެންނެވެ.
ކާލޯ އެންޗެލޮޓީގެ ޓީމު މެޗުގެ ފެށުމުން ފެށިގެން ވަރުގަދަ އެޓޭކިން ގޭމެއް ދައްކައި 23 ވަނަ މިނެޓުގައި މެތިއަސް ކުންޏާ ވަނީ ފުރަތަމަ ގޯލު ޖަހައިފައެވެ. އޭގެ ފަހުން ކުންޏާ ވަނީ 36 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖަހައި ބްރެޒިލަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކަސް ޕެކޭޓާގެ ރީތި ބޯޅައަކުން ވިނީޝިއަސް ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ބްރެޒިލަށް ލިބުނު ހަމައެކަނި ކަންބޮޑުވުމަކީ ރަފީނިއާއަށް 40 ވަނަ މިނެޓުގައި އަނިޔާއެއް ލިބިގެން ބަދަލުކުރަން ޖެހުމެވެ. ކުރިއަށް ހުރި މެޗުތަކަށް އޭނާ ފިޓުނުވެއްޖެ ނަމަ، އެކަމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ދެވަނަ ހާފުގައި ބްރެޒިލުން ހަމަޖެހިލައިގެން 3-0 ގެ ލީޑު ދިފާއުކުރިއެވެ. ދެ ޓީމުން ވެސް އިތުރު ގޯލެއް ނުޖެހުނު ނަމަވެސް ބައެއް ޓެކްޓިކަލް ބަދަލުތައް ގެނައެވެ. ހެއިޓީން ދެވަނަ ހާފުގައި ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ބްރެޒިލުން މެޗު ކޮންޓްރޯލު ކުރިއެވެ.
މި ތިން ޕޮއިންޓާއެކު ބްރެޒިލް ހަތަރު ޕޮއިންޓަށް ޖެހިލައި، ގޯލު ތަފާތުން އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ