ގަތަރުން ހަދިޔާކުރި އާ "އެއާ ފޯސް ވަން" މަތިންދާބޯޓު ހުކުރު ދުވަހު ދައްކާލައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ބޯޓު އާންމުކޮށް ދައްކާލަމުން ވިދާޅުވީ އޭގެ ނަމަކީ "ފްލައިން ވައިޓް ހައުސް" ކަމަށެވެ.
"މިއީ ދުނިޔޭގައި އޮތް އެންމެ ލަގްޒަރީ މަތިންދާބޯޓު،" ބޯޓު ބާއްވާފައި އޮތް ހޭންގަރުތެރޭގައި ހުންނަވައި ޓްރަމްޕް ވިދާޅުވި އެވެ.
ގަތަރުގެ މި ހަދިޔާއަށް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވައިފަ އެވެ.
ސަތޭކަ މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މި ބޯޓު ގަތަރުން ހަދިޔާކުރުމާ ގުޅިގެން، އެމެރިކާގެ ގާނޫނުއަސާސީ އާއި ސުލޫކީ މިންގަނޑުތަކާއި އަދި ސަލާމަތީ ކަންކަމާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ނަމަވެސް، ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ މިފަދަ ހަދިޔާއެއް ގަބޫލުނުކޮށް ދޫކޮށްލުމަކީ "މޮޔަކަމެއް" ކަމަށެވެ. އަދި ވެރިކަމުގެ ދައުރު ނިމުމުން މި ބޯޓު އޭނާގެ ރިޔާސީ ލައިބްރަރީއަށް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވުމުން ކަންބޮޑުވުންތައް އިތުރަށް ބޮޑުވި އެވެ.
ވޮޝިންޓަންގެ ބޭރުގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ، މި ބޯޓު ބަދަލުކޮށް ފަރުމާކުރުމުގައި މަސައްކަތްކުރި މީހުންގެ ހުނަރަށް ސާބަސްދޭންޖެހޭ ކަމަށެވެ. އަދި މިއީ މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެފައިނުވާ ފަދަ މަތީ ފެންވަރެއްގެ ލަގްޒަރީ ބޯޓެއް ކަމަށް ވިދާޅުވި އެވެ. ބޯޓުގެ އެތެރޭގައި ބޭނުންކޮށްފައި ހުރި ލަކުޑި އާއި އެހެނިހެން ސާމާނާއި އޭގެ އިންޖީނުގެ ފެންވަރު ފެނުމުން ހައިރާންވާނެ ކަމަށް ވިދާޅުވެ، ގަތަރުގެ އަމީރަށް ޝުކުރު އަދާކުރެއްވި އެވެ.
ބޯޓުގެ އެތެރެ ބަލައިލުމުގެ ފުރުސަތު ލިބުނު ނޫސްވެރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުގެ އެތެރޭގައި ހުރީ ލެދަރު ގޮނޑިތަކާއި، މަޑު ދޫލަތަކާއި، ފެންވަރު ރަނގަޅު ލަކުޑީގެ ފެނަލްތަކެވެ. އަދި ބިތްތައް ހުރީ ރަން-މުށި ކުލައެއްގައި ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ގައުމީ ރޫހު ރަމްޒުކޮށްދޭ ގިނަ ފޮޓޯތަކެއް ބިތްތަކުގައި ހަރުކޮށްފައި ހުއްޓެވެ.
ބޯޓުގެ ބޮޑުމިނަށާއި އިންޖީނުގެ ފެންވަރަށް ތައުރީފު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ މިހާތަނަށް ބޭނުންކުރި އެހެން ހުރިހާ އެއާ ފޯސް ވަން ބޯޓުތަކަށްވުރެ މާ ދުރަށް އަދި މާ ބާރަށް ދަތުރުކުރެވޭނެ ބޯޓެއް ކަމަށެވެ. އަދި އަންނަ މަހު 4 ގައި ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކުގައި މި ބޯޓު ދަތުރުކުރާތަން ދައްކާލަން ގަސްތުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމެރިކާގެ ރަސްމީ ދަތުރުތަކަށް 1990 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ ބޯޓުތައް ބަދަލުކުރުމަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން ވެސް އޭނާ ވަރަށް ބޮޑަށް ބޭނުންވި ކަމެކެވެ.
ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ އޮފިޝަލުން ވަނީ ކުރިން ބޭނުންކުރި ބޮއިންގް 747 ގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ބޭނުންކުރުން ހުއްޓާ ވެސް ލައިފަ އެވެ.
ކުރީގެ ބޯޓުގައި ނޫކުލަ އާއި ހުދުކުލަ ހުރިއިރު، މި އާ ބޯޓުގެ ތިރީބައިގައި ހުރީ ގަދަ ނޫކުލައެކެވެ. އަދި މެދުގައި ރަތްކުލައިގެ ރޮނގަކާ އެކު މަތީބައި ހުރީ ހުދުކުލައިގަ އެވެ.
އަލަށް ބޭނުންކުރާ ބޯޓަކީ 'ފްލައިން ވައިޓް ހައުސް' ނުވަތަ 'އުދުހޭ ވައިޓް ހައުސް' ކަމަށް ޓްރަމްޕު ވިދާޅުވިޔަސް އެމެރިކާގެ ރައީސް ދަތުރުކުރައްވާ ކޮންމެ މަތިންދާބޯޓަކަށް ރަސްމީކޮށް ބޭނުންކުރާ ސިގްނަލް ނަމަކީ "އެއާ ފޯސް ވަން" އެވެ.
އެމެރިކާ ސަރުކާރުން ވަނީ ރިޔާސީ ފްލީޓަށް ބޮއިންގް 747-8 ގެ ދެ ބޯޓު ތައްޔާރުކުރުމަށް ބޮއިންގް ކުންފުންޏާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ މަޝްރޫއު ވަނީ ބަޖެޓަށްވުރެ ހަރަދު ބޮޑުވެ، މަސައްކަތް ވަރަށް ބޮޑަށް ލަސްވެފަ އެވެ. -- އޭއެފްޕީ
ގަތަރުން އެމެރިކާއަށް ހަދިޔާކުރި "އުދުހޭ ވައިޓް ހައުސް" ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ