ރައްޔިތުން ހޯދި ނަތީޖާ ރައްޔިތުން ޙިމާޔަތް ކުރާނެ: ޝިފާޒް

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހޯދި ނަތީޖާ ރައްޔިތުން ޙިމާޔަތް ކުރާނެ ކަމަށް ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް ވިދާޅުވީ އިންތިޚާބު ނިމި ނަތީޖާ އިއުލާނުކޮށް އިންތިޚާބުގައި ވާދަކުރެއްވި ރައީސް ޢަބްދުﷲ ޔާމީން އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރައްވައިފި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ދިވެހި ޚާރިޖިއްޔާއިން ވަނީ އިންތިޚާބުގެ ނަތީޖާ ދުނިޔެއަށް އިއުލާނުކޮށްފައި ކަމަށެވެ.
ޝިފާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ވަގުތީ ނަތީޖާ އާއި ރައީސް ޔާމީނު ބަލި ޤަބޫލު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން މިހާރު ވަނީ އިންތިޚާބުގެ ޞައްޙަކަމާއި ނަތީޖާ ބަލައިގަނެ އިންތިޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާވެސް ކިޔާފައި ކަމަށެވެ.
ޝިފާޒް ވިދާޅުވީ މިފަދަ ހުރިހާ ކަމެއް ހިނގައި ނިމުމުން އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމަށް ހަދައި އެކަން ދައްކަން އުޅުނު ނަމަވެސް ދުނިޔެ އެކަން ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންވެސް އެކަން ޤަބޫލު ނުކުރާނެ ކަމަށެވެ.
ޝިފާޒް ވިދާޅުވީ ވޯޓުކަރުދާސް ޗާޕްކުރި އެމް7 އަށް ތުހުމަތުތަކެއް ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ތުހުމަތުތަކެއް ކުރި ނަމަވެސް އެ ތުހުމަތުތަކަކީ ހަޤީޤަތަކަށް ދެން ނުހެދޭނެ ކަމަށެވެ.
"އައިޑީ ކާޑު ގަތީ ކޮން ބައެއްކަން އެންމެންނަށް އެބަ އެނގޭ. ފައިސާ ބެހީ ކޮން ބައެއްކަންވެސް އެބައެނގޭ. ދެން އެކަން ބައެއްގެ ބޮލުގައި އަޅުވަން އައިޑީކާޑުތަކެއް އެމްޑީޕީގެ ޖަގަހައަކަށް ވައްދަން އުޅުނު ނަމަވެސް އެކަންވެސް ކާމިޔާބު ނުކުރެވޭނެ" ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވަނީ ޕީޕީއެމުން ކުރަން މަސައްކަތްކުރާ ޤާނޫނާއި ޚިލާފް އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ. އަދި މިފަދަ ކަމަކަށް އެއްބާރުލުން ނުދިނުމަށް ކޯޓުތަކަށްވެސް އިލްތިމާސް ކުރައްވައިފައެވެ.
ޝިފާޒް މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބުގައި ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުދިނީ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ބަލި ޤަބޫލުފުޅު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ