ދިއްގަރު ދާއިރާގެ ރައްޔިތުން ކުރި އިތުބާރަށް ޝުކުރު، ހިދުމަތްކޮށްދޭން ތައްޔާރު: ނާޒިމް

ދިއްގަރު ދާއިރާގެ ރައްޔިތުން އެދޭނަމަ އެ ދާއިރާއަށް ހިދުމަތްކޮށްދޭން އަދިވެސް ތައްޔާރަށް ހުންނެވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަކަރާ ހީލަތް ހެދުމުގެ މައްސަލައެއް ސާބިތުވެ 2015 ވަނަ އަހަރުގެ ތެރޭގައި އުމުރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމެވުމާ ގުޅިގެން މީޑިއާތަކަށް ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ 16 އަހަރު ދިއްގަރު ދާއިރާގެ މެންބަރުން އޭނާއަށްކުރި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެގޮތުން ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މި ހަފްތާ ބަންދުގައި ދިއްގަރު ދާއިރާއަށް ނާޒިމް ވަނީ ޒިޔާރަތްކުރައްވަން ނިންމަވައިފައެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ދިއްގަރު ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާއަށް ކުރައްވާ ޒިޔާރަތުގައި ދާއިރާގެ ރައްޔިތުން އެދިއްޖެނަމަ ދާއިރާ ރައްޔިތުންގެ ހައްގުގައި މަޖިލީހަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށްފައިވަނީ، ކުރި ހުކުމް ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުންނެވެ.
އެގޮތުން އެ މައްސަލަ ރިވިއު ކުރުމުގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފައެވެ. އަދި އެ މައްސަލަ ނިމެންދެން ނާޒިމްގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކުރުމުން، އޭނާ ހުންނެވީ މިނިވަންކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކުރީ، އޭޕްރިލް، 2015 ވަނަ އަހަރު ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އޭނާގެ މައްޗަށް އެ ހުކުމް އައީ، ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ގައުމީ ދިދަތަކެއް ގަތުމަށް 2003 ވަނަ އަހަރުގެ ޑިސެމްބަރުގައި ބީލަމަށް ލުމުން، ނާޒިމްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ކުންފުންޏެއްގެ މުވައްޒަފުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެ ބިޑް ކާމިޔާބު ކުރި މައްސަލައެއް ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ