ދ. މީދޫ ކައުންސިލް ރަައީސްގެ ގޮނޑި ޕީއެންސީގެ ސުހާ ކާމިޔާބުކޮށްފި

ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައިވާތީ މިއަދު ކުރިއަށްގެންދިޔަ ދެވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފި އެވެ.
ވީކިހިނެއް؟ - އިންތިހާބުގެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން އެންމެ ކުރީގައި އޮތީ ވެސް 393 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އެވެ. އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ކެންޑިޑޭޓް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ.
އޭގެ ފަހުން ވީ ގޮތަކީ:
ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެން، ސުހާއަށް ލިބުނު އެއް ވޯޓު ބާތިލުކުރުމުން ދެ ކެންޑިޑޭޓުންގެ ވޯޓް އެއްވަރުވި
އެއަށް ފަހު ފޮނަދޫ ފޮށި އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދު 
އެހެން ނަމަވެސް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްކުރީ ސުހާއަށް ލިބުނު އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށް؛ އޭގެ ސަބަބުން އަނެއްކާ ވެސް ދެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓު އެއްވަރުވި
ތަފްސީލް - ހައި ކޯޓުގެ ހުކުމުގެ ސަބަބުން ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ސުހާއަށް ލިބުނީ 529 ވޯޓެވެ. ޝާހިދަށް ލިބުނީ 449 ވޯޓެވެ. އެ ގޮތުން:
މީދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި: ސުހާއަށް 145 ވޯޓު، ޝާހިދަށް 128 ވޯޓު
މީދޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށި: ސުހާއަށް 149 ވޯޓު، ޝާހިދަށް 129 ވޯޓު
މާލޭގައި ބެހެއްޓި ވޯޓު ފޮށި: ސުހާއަށް 235 ވޯޓު، ޝާހިދަށް 192 ވޯޓު
ފާހަގަކޮށްލެވޭ - ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާއަކީ، ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލީ ބޭފުޅެކެވެ.
މި ނަތީޖާއާއެކު ދ. މީދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ލިބެނީ ވެރިކަންކުރާ ޕީއެންސީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ