އެމެރިކާ އާއި އީރާނާ ދެމެދު ތިން މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ އެއްބަސްވުމެއްގެ އޮނިގަނޑަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
މި ހަނގުރާމައިގައި ސުލްހަ ގާއިމްކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، އެއްބަސްވުމުގައި އިލެކްޓްރޯނިކްކޮށް ސޮއިކުރުމުގެ ތައްޔާރީތައް ޕާކިސްތާނުން ވަމުންދާ ކަމަށާއި، އަންނަ ހަފުތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ފެށޭނެ ކަމަށެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް އެމެރިކާ އާއި އީރާނުން ހުކުރު ދުވަހު ވަނީ ދީފަ އެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއްބަސްވުމުގެ އިބާރާތްތަކަށް ދެ ފަރާތުން ރުހުން ދީފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ފުރަތަމަ އެއްބަސްވުމުގައި ވޮޝިންޓަނުން ސޮއިކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި ހަނގުރާމަ ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާއިރު، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުން ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. އަދި މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވިދާޅުވީ، އެއްބަސްވުމަށް އަދިވެސް ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު އެކުލަވާލާފައިވާ ވަގުތީ އެއްބަސްވުމުން ހާމަވަނީ މި ހަނގުރާމައިން އީރާނު ނުކުތީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، ހުށަހަޅާފައިވާ ފަހުމުނާމާގައި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށް ވަނީ ހިމަނާފަ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނީ އޭގެ ފަހުންނެވެ. މި ހަނގުރާމަ ފެށުމުގެ ސަބަބެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަނީ އީރާނުގެ ނިއުކްލިއާ މައްސަލަ އެވެ.
ނަން ހާމަނުކުރުމަށް އެދި ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދެއްކެވި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ޓްރަމްޕް ބޭނުންފުޅުވި މައިގަނޑު މަގްސަދުތައް ހާސިލްވެ، މަޝްވަރާތައް ވަރަށް ރަނގަޅު މިސްރާބަކަށް ގޮސްފައިވާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެމެރިކާ އާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ