އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުކުރީ އެ ކޯޓުގެ އަމުރަކާ ގުޅޭގޮތުން ވީޓީވީގައި ވާހަކަ ދެއްކެވުމުން

ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް ފާޑު ވިދާޅުވެ ވީޓީވީގައި ދެއްކެވި ވާހަކަފުޅަަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ގެންދާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އަލީ ހުސައިން ހާޒިރުކުރީ މިއަދު ހެނދުނު 9:00 ޖެހިއިރު އެވެ.
މިމައްސަލައާއި ގުޅިގެން މިއަދު ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ޑީޖޭއޭ އިން އޭނާއާ ސުވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ދިރާސާކޮށް އެ ކޮމިޝަނުން އެ ނިންމުން ބާތިލްކުރުމުން އެކަމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން އޭނާ ވީޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށެވެ.
އަލީ ހުސައިން ވަނީ މިދިޔަ ހަފްތާގެ ތެރޭގެ ވީޓީވީގައި ސުޕްރީމް ކޯޓުގައި ހިންގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި މައްސަލަ ދިރާސާކޮށް ކޮމިޝަނުން އެ ނިންމުން ފަހުން ބާތިލްކުރުމުން މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ ދައުވާ ހުށަހެޅި ފަރާތުން ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރު ކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުން ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ މި ވާހަކަތަކާ ގުޅިގެން ޑީޖޭއޭ އިން އޭނާއާ ސުވާލުކޮށް ބަޔާނެއް ނެނގި ކަމަށާއި މިއަދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އަލީ ހުސައިން ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިއަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ވެސް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި ދުވަސްކޮޅަކަށް އޭނާ އަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު، ފަހުން ވަނީ ސަސްޕެންޝަން އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ