ޕީޕީއެމް އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ ނުފުއްދުނު ވައުދު: އަލުން 2018 އަށް!

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަމަށް 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގަތް ވައުދު މިއަދާއި ހަމައަށް ފުއްދިފައިނުވާތީ އެވައުދު އެމަނިކުފާނުގެ މިއަހަރުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ހަރަދުކުޑަކުރުމަށް ކަމަށް ބުނެ ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫ ހިތަދޫގައި އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ރައީސް ޔާމީންގެ ސަރުކާރުން ރޫޅާލައި ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރަމުން އަންނައިރު މިދިޔަ މެއި މަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާ ހުޅުވާނެކަމަށް ބުނެފައިވީނަމަވެސް އެތަނުގެ މަސައްކަތްތައް އަދި ނިމިފައެއް ނުވެއެވެ. 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް އެންމެ ފަހުން މިހާރު މިވަނީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އެވައުދު އަލުން ހިމަނާފައެވެ.
ވެރިކަން ކުރަމުން އަންނަ ޕާޓީގެ އަސްލު ސައިޒު ދައްކާލުމަށް މިދިޔަ އަންގާރަ ދުވަހުގެ "އެންމެން އެކަކަށް" ޖަލްސާގެ ތެރެއިން "ޕްރޮގްރެސް ޝެއާޑް" ގެނަމުގައި ޕީޕީއެމްގެ މެނިފެސްޓޯ ނެރެފައިވާއިރު އެމެނިފެސްޓޯގައި ބުނީ އެޕާޓީގެ ވެރިކަމެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލަކަށް ބަދަލުކުރާނެކަމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ޕީޕީއެމުން 2013 ވަނަ އަހަރު ނެރުނު މެނިފެސްޓޯގައި އަތޮޅުތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރާނެކަމަށް ބުނެފައިވީނަމަވެސް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ފިޔަވައި އިތުރު ރީޖަނަލް ހޮސްޕިޓަލެއް ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުމަށް މަސައްކަތް ފަށާފައެއް ނުވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓަޝަރީ ފެންވަރަށް ބަދަލުކުރުމަށް އިންޑިއާގެ ނިމްސް ހިންގާ، ނޫރުލް އިސްލާމު އިންޓަނޭޝަނަލާއި ހަވާލުކުރިނަމަވެސް ހޮސްޕިޓަލް ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކުރި ކުންފުނީގެ އިސްވެރިންގެ މެދުގައި މައްސަލަތަކެއް ޖެހި ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމުން އެހޮސްޕިޓަލު ހިންގުމާއި ހެލްތް މިނިސްޓްރީން މިހާރު ވަނީ ހަވާލުވެފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލު ތަރައްގީކުރުމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދު މިއަދާއި ހަމައަށް ފުއްދިފައިނުވާއިރު އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ވެސް މިއަދާއި ހިސާބަަށް އެސިޓީއަށް ގެންގޮސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ